ENGLISH

04 ޖުލައި 2025

Advertisement

ރައީސްގެ އިންޒާރު: މި ސަރުކާރުގައި ކޮރަޕްޝަނަށް އެެއްވެސް ޖާގައެއް ނޯންނާނެ

22 ޑިސެމްބަރު 2024

|

ހަސަން އާމިރު

މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި ސަރުކާރުގެ އެއްވެސް އޮފީހެއްގައި ވެސް އެ ބާވަތުގެ ޢަމަލެއް ހިންގާ ނަމަ އެކަން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އޮންނަ އުސޫލުތަކާ ޚިލާފަށް މީހަކު ކަމެއް ކުރާ ކަމަށް ވަންޏާ އެމީހަކު އެ ތަނަކުން ދުރުކުރައްވާނެ ކަމަށެވެ.

"މިނިސްޓްރީއެއްގައި ވިޔަސް ކުންފުންޏެއްގައި ވިޔަސް އަދި މުވައްސަސާއަކަށް ވިޔަސް މިއިން ތަނަކުން އެކަހަލަ ކަމެއް ހިންގާ ކަމަށް ވަންޏާ އަޅުގަނޑު އެދެން ކަމާބެހޭ މުވައްސަސާތަކުން އެކަމެއް ބެލުން. ބަލައި އަދި ފިޔަވަޅު އެޅުން. އެއީ އަޅުގަނޑު ޤަބޫލް ކުރާ ގޮތަކީ،" ރައީސް އޮފީހުން އެމަނިކުފާން މިއަދު މެންދުރު ފަހު ނުކުމެވަޑައިގަންނަވަނިކޮށް ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެކަހަލަ ކަމެއް ކުރަންޏާ އެމަނިކުފާން ޢަމަލު ކުރައްވާނީ އެ ގޮތަށް ކަަމަށެވެ.

"އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި ސަރުކާރަކުން ކަންކަން ކުރަން ޖެހޭނީ އެ ގޮތަށް. ކުރީގެ ސަރުކާރުތަކުން އެ ގޮތަށް ދެން ޢަމަލުނުކޮށް އޮތީ ކީއްވެކަން އެބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނީ،" ރައީސް ވިދާޅުވިއެވެ.

ތަކުރާރުކޮށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި އެއީ ކޮންމެ މީހަކު ކަމަށް ވިޔަސް ގަވާއިދާއި ޤާނޫނާ ޚިލާފަށް ނުފޫޒު ބޭނުންކޮށްގެން، އެ މީހެއްގެ އަމިއްލަ ފައިދާ އަށް ކަންކަން ކުރުމަކީ އެމަނިކުފާން ޖާގަ ދެއްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު