ENGLISH
05 ޖޫން 2026
ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުން: ހަރުދަނާ ފިޔަވަޅުތަކާއެކު ތާރީހީ ކާމިޔާބުތަކެއް
05 ޖޫން 2026
|
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރެއްވުން. ފޮޓޯ؛ރައީސް އޮފީސް.
އެންމެ މަޤްބޫލު
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވަރަށް ނުރައްކާ ހުރިކަމެކެވެ. ދުނަފަތުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނީ ސިނގެރެޓް ބޯމީހާއަށް އެކަންޏެއް ނޫނެވެ. ކައިރީގައި ތިބޭމީހުންނަށްވެސް އޭގެ ނުރައްކާ ބޮޑެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ތެރެއިން އަހަރަކު ހަތް މިލިއަން މީހުން މަރުވެއެވެ. ރާއްޖޭގައިވެސް މިއަމަލު އޮތީ ކަންބޮޑުވާ މިންވަރަށެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ހަގު ޢުމުރަކީ، އުމުރުން އަށް އަހަރުކަންވަނީ ހާމަވެފައެވެ. މާޒީއަށް ޖެހިލަމާ ހިނގާށެވެ. ދުނަފަތާ ދެކޮޅަށް މީގެ ކުރިން ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަލްއަމީރު މުހައްމަދު އަމީނު ވެސް ފިޔަވަޅުތަކެއް އެޅުއްވިއެވެ. ނަމަވެސް ހޭލުންތެރިކަމެއް ނެތް ދުވަސްވަރެއްގައި ދުންފަތް މަނާކުރުމުން ރައްޔިތުންގެ ރުޅި ހައްދުން ނެއްޓީ އެވެ. އެމަނިކުފާނުގެ ވެރިކަން ވައްޓާލުމުގެ ސަބަބެއްގެ ގޮތުގައި ބައެއް ބޭފުޅުން މިކަން ފާހަގަކުރައްވައެެވެ.
ޗެލެންޖެއް، ނަމަވެސް ގެންގުޅުއްވީ ދުރުވިސްނޭ ސިޔާސަތުތަކެއް:
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ހާލަތު ވަނީ ބަދަލުވެފައެވެ. ޒަމާނީ ތަހުޒީބުގައި ޖެހި ޒުވާން ޖީލު އޮތީ ދުންފަތުގެ އަޅުންނަށް ވެފައެވެ. ޖީލެއް ތިބީ މަސްތުވާތަކެތީގެ އަނދަވަޅުގެ ތުންފަތް މަތީގައެވެ. އެތައް ބެލެނިވެރިންނެއް ތިބީ އެކަމުން ދަރިން ސަލާމަތްކުރާނެ ގޮތެއް ނޭނގިފައެވެ.
ދެ ހާސް ތޭވީސްވަނަ އަހަރު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު އެންމެ ފުރަތަމަވެސް ކުރެއްވިކަމަކީ ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމަށް ޚާއްސަ މާސްޓާޕްލޭނެއް އެކުލަވާލުމެވެ. މި މާސްޓާޕްލޭނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ކަމާ ގުޅުންހުރި އެތައް ބައެއްގެ ފަންނީ އެހީތެރިކަން ހޯއްދެވިއެވެ. ދުންފަތް ކޮންޓްރޯލްކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންފެށިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރެއްވުން. ފޮޓޯ؛ރައީސް އޮފީސް.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން އެތައް ގަވާއިދެއް ހަދަންޖެހޭއިރު، މިވީ 14 އަހަރުތެރޭގައި އެލުލަވާލެވި، ތަންފީޒުކުރަން ފެށިފައިވަނީ އެންމެ ދެ ގަވާއިދުކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ އެޗްޕީއޭއިން ބުނީ މި މަސައްކަތްތަކުގެ ތެރެއިންނެވެ. އެއީ 2013 ވަނަ އަހަރު އެކުލަވާލީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވައިދާއި ދުންފަތް ޕެކެޓްކުުރުމުގައި ސިއްހަތަށް ނުރައްކާވާކަން އަންގައިދިނުމަށް 2019 ވަނަ އަހަރު އެކުލަވާލި ޤަވާއިދެވެ. އެހެންނަމަވެސް ސަރުކާރުތަކުގައި މި ދެ ގަވާއިދުވެސް އެކަށީގެންވާގޮތަށް ތަންފީޒުކުރެވިފައެއް ނުވެއެވެ.
ތަންފީޒީ އިދާރާއެއްގެ ހައިސިއްޔަތުން ފުލުހުންވެސް ފާހަގަކުރީ ގާނޫނު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒް ކުރެވިފައިނެތުމެވެ. ޓްރެފިކް ޖޫރިމަނާކޮށްފައި ސްލިޕް ދޭ އުސޫލުން، ދުންފަތުގެ ގާނޫނު ތަންފީޒުކުރަން އުޅެފިި ނަމަ ރަނގަޅު ބަދަލުތަކެއް ނާންނާނެ ކަމަވެ. މައްސަލަ ހައްލުކުރަން ގާނޫނަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަވެ.
ދުންފަތް ހުއްޓުވުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނުނެއް އެކުލަވާލާ އަމަލުކުރަން ފަށާފައިވަނީ 2010 ވަނަ އަހަރުއެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް:
ދުންފަތް ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކަކާއެކު "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު" ސިއްހަތާ ބެހޭ ވުޒާރާއިން އާއްމުކުރީ 2025 ގައެވެ.
ދުންފަތް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުމަށް ރައީސް މުހައްމަދު މުޢިއްޒު ހަމަ އެ އަހަރުގެ ތެރޭގައި ރައްޔިތުންގެ ހިޔާލަކަށް އެދިވަޑައިގެންނެވިއެވެ. ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާފައިވަނީ އެކަމާމެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިޔާ ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާޔާ އެއްގޮަތަށް 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމަށް ދުނަފަތް ކޮންޓްރޯކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އެމަނިކުފާނު ތަސްދީގުކުރެއްވީ ހުސްވި އަހަރުގެ މެއި މަހުގެ ތެރޭގައެެވެ.
ސަރުކާރުގެ ފަރާތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގެވެ. މި ބިލު ދިރާސާކުރުމަށް މެންބަރުންގެ ތެރެއިން ނެންގެވި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީން ވަނީ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައެވެ.
ސަރުކާރުގެ ފަރާތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ގާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ. މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެއެވެ.
ގަވާއިދުގެ އިތުރުން ދުންފަތާ ދުރަށްދާން ބޭނުންވެ އެކަން ކުރުމަށް ތަފާތު ގޮންޖެހުންތަކާ ދިމާވަމުން އައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިމަށް ސެޒޭޝަން ކްލިނިކްތަކެއް ސަރުކާރުން އުފެއްދެވިއެވެ.
ދުންފަތުގެ އިސްއިތުމާލުކުރުން މަނާ ސަރައްދެއްކަން އަންގައިދޭ އިންޒާރު ހަރުކުރެވިފައި.
މިވަބާއިން ސަލާމަތްވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަތަރު ސެންޓަރު އަދި އަތޮޅުތަކުގެ ސިއްހީ ފަރުވާ ފޯރުކޮށްދޭ ހުރިހާ މަރުކަޒެއްގައި މިހިދުމަތް ވަނީ ޕަބްލިކް ހެލްތުގެ ދަށުން ގާއިމުކޮށްފައެވެ. މިއާއެކު ނިމިދިޔަ 2025 ވަނަ އަހަރު 225 މީހަކުވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ހުއްޓާލި، 187 މީހަކާއި އަތޮޅުތަކުން ހުއްޓާލި 68 މީހަކު ހިމެނެއެވެ. ސެސޭޝަން ފަރުވާ ހޯދާފައިވާ 1045 މީހުން ތިބިއިރު މީގެތެރޭގައި 982 ފިރިހެނުންނާއި 63 އަންހެނުން ހިމެނެއެވެ. މީގެތެރެއިން 580 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުގައެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށްޓަކައި ފޯރުކޮށްދޭ ފަރުވާ ބިނާވަނީ "ނޭޝަނަލް ޓޮބޭކޯ ސެސޭޝަން ޓޫލް ކިޓް"އަށެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ދިވެހިރާއްޖޭގައި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނަކަށެވެ.
މި ކެމްޕެއިންގެ ތެރެއިން އެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމާއި، ތަފާތު އެކި އިނާޔަތްތަކާއި ލުއިތައް ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. އެގޮތުން، ތައުލީމީ ދާއިރާއިންނާއި ކުޅިވަރާއި ޒުވާނުންގެ ދާއިރާގެ އިތުރުން ޖަމުއިއްޔާ ޖަމާއަތްތައް މެދުވެރިކޮށް އެކި ހަރަކާތްތައް ހިންގުމާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުން ހަރުދަނާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ވެސް މިކެންޕޭންގައި ކުރިއަށްގެންދާނެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެވޯޑް ދިނުން. ފޮޓޯ: ޞިއްޙީ ވުޒާރާ
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ. އެގޮތުން މިއީ އެމަނިކުފާނުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ރާއްޖޭގެ ޒުވާން ޖީލު ދުންފަތާ ދުރުހެލިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް އަރުވާ ހާއްސަ އެވޯޑްވެސް އެމަނިކުފާނަށް ދާދިފަހުން ވަނީ ލިބިވަޑައިގެންފައެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެކެވެ. ޖީލުތަކެއް އެ ވަބާގެ ތެރެއަށް ގެއްލިގެންދާ މަންޒަރު ބަލަން ސަރުކާރަކުން ތިބެންވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދު ފެންނަމުންދަނީ އެމަންޒަރެވެ. ކިތަންމެ އުނދަގޫ ނިންމެވުމެއް ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރައްވަންޖެހިވަޑައިގަންނަވާކަންކަން ކުރައްވައި ނަތީޖާ ނެރެދެއްވާނެކަމުގެ ޔަގީންކަމެވެ.