ENGLISH
04 ޖޫން 2026
އަންނަ އަހަރުން ފެށިގެން އީދުތައް ފާހަގަކުރުމަށް އިސްލާމީ ވުޒާރާއިން ހާއްސަ ޕްލޭނެއް ތައްޔާރުކުރަނީ
04 ޖޫން 2026
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު
އެންމެ މަޤްބޫލު
އަންނަ އަހަރުން ފެށިގެން އަޟްޙާ ޢީދާއި ފިޠުރު ޢީދު ފާހަގަކުރުމަށްޓަކައި ހާއްސަ ޕްލޭނެއް އެކުލަވައިލުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަކަރަކުވެސް އީދުތައް ފާހަގަކުރުމާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާއްސަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިޕްލޭނަކީ މާލެއާއި އަތޮޅުތަކުގައި އީދު ފާހަގަކުރުމާ ގުޅޭ ހާއްސަ ޕްލޭނެކެވެ. އެޕުލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ހުރިހާ ހިސާބެއްގައި ވަކި އުސޫލުތަކެއްގެ ތެރެއިން އިންތިޒާމުކުރެވިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ޑރ.ޝަހީމު އިތުރަށް ވިދާޅުވެފައިވަނީ އެ މަސައްކަތް ރޭވުމުގެ މަސައްކަތްކުރަނީ އެ ވުޒާރާގެ ހާއްސަ ކޮމިޓީއަކުންނެވެ. މިހާރު ކޮމިޓީން މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ޕްލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ރާވައި ހިންގާނީ ރަށްރަށުގެ ކައުންސިލުތަކާ މަޝްވަރާކޮށްގެންނެވެ. އަދި އެ ހަރަކާތްތައް ރޭވުމުގައި އަތޮޅުތަކުގައި މަސައްކަތްކުރާ އިސްލާމީ ހިދުމަތްދޭ މަދަނީ ޖަމްއިއްޔާތައް ބައިވެރިކުރުމަށްވެސް ޕްލޭނުގައި ހިމެނިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އޭގެ އިތުރަށް ސިޓީތަކުގައި އީދު ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ރޭވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް އިންތިޒާމުކޮށް ކުރިއަށްގެންދަވަން ގަސްތުކުރައްވަނީ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ކަމަށްވެސް ޑރ.ޝަހީމު ވިދާޅުވިއެވެ.
އީދުގެ މުނާސަބާ ފާހަގަކުރުމުގައި ރާއްޖޭގެ ރަށްރަށުގައި އިސްލާމީ ސަގާފަތާ ހިލާފު ކަންކަން ނުހިންގުމަށް ސަރުކާރުން ތަކުރާރުކޮށް އިލްތިމާސްކުރި ނަމަވެސް، ކޮންމެ އީދެއްގައިވެސް އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަން ރަށްރަށުގައި ހިނގާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ.