ENGLISH

04 ޖުލައި 2025

Advertisement

އެޗްޑީސީގެ ކުރީގެ ޗެއާރމަންގެ ސިޓީއެއް އަޅުގަނޑަކަށް ނުލިބޭ: ރައީސް

22 ޑިސެމްބަރު 2024

|

ހަސަން އާމިރު

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ތުޙުމަތުކުރާ ޚިޔާނާތުގެ ގިނަ މައްސަލަތަކުގެ ތަފްސީލު، އެ ކުންފުނީގެ ކުރީގެ ޗެއާރމަން އަހްމަދު ޒުހޫރު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހުށަހަޅުއްވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސިޓީއެއް ޢާއްމުކޮށްފައިވީ ނަމަވެސް އެފަދަ ސިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ސިޓީ ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވި ނަމަ ޔަޤީނުން ވެސް އެ މައްސަލަ ބަައްލަވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ވަނީ ކޮރަޕްޝަނުގެ ޢަމަލެއް ނޫނީ ޤަވާޢިދާ ޚިލާފަށް ހިންގާ ކަމެއް ހުއްޓުވުމުގައި ފަހަތަކަށް ނުޖެހޭނަމޭ. މިއަދާ ހަމައަށް ވެސް ހުންނާނީ އެގޮތަށް އެކި މީހުން އެގޮތަށް ކޮށްފައި ހުރި ކަންކަމުގައި ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައި. އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުމެންގެ ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދަ އާއި ނުގަވާޢިދުން ހިނގާ ކަންކަމުން ދުރުވެފައި އޮތް ސަރުކާރަކަށް ވާން،" ރައީސް އޮފީހުން އެމަނިކުފާން މިއަދު މެންދުރު ފަހު ނުކުމެވަޑައިގަންނަވަނިކޮށް ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވި އެވެ. "އެއީ އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަކީ ވެސް. އެހެންވީމާ ސިޓީއެއް އަޅުގަނޑަށް ލިބި، އެއަށް ޢަމަލުނުކޮށް އޮތް ވާހަކަ އަކީ ހަޤީޤީ ވާހަކައެއް ނޫން. އަޅުގަނޑަކަށް އެ ސިޓީއެއް ލިބިފައެއް ނެތް."

ރައީސް ވިދާޅުވީ އެމަނިކުފާނަށް ކަންކަން އެނގިވަޑައިގަތް ހިސާބުން ކޮންމެ ކަމެއްގައި ވެސް ހުންނާނީ ފިޔަވަޅު އަޅުއްވާފައި ކަމަށެވެ. އަދި މިހާރު މި ހިނގައިގެން އުޅޭ ކަންތަކުގައި ވެސް އެމަނިކުފާނަށް އެނގިވަޑައިގަތް ހިސާބުން ވާނީ ޕޮލިހަށް ހުށަހަޅުއްވާފައި ކަމަށް ވިދާޅުވި އެވެ.

ފުލުހުން އަދާކުރައްވަމުން ގެންދަވާ ޤާނޫނީ ޒިންމާ އަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާން ބެއްލެވީ  މިކަހަލަ ކަމެއް ހިނގާފައި އޮތީމާ އެކަން ބަލަން ވީއެންމެ ރަނގަަޅަކަށް މަގު ފަހިކޮށްދެއްވަން ކަމަށެވެ. އަދި ފުލުހުންގެ ޒިންމާ އެގޮތަށް އަދާކުރައްވަމުން ގެންދަވާތީ އެމަނިކުފާން އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ އެއްވެސް ތަނެއްގައި އެއްވެސް މީހަކު ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ހިންގާކަށް އަޅުގަނޑު ބޭނުމެއް ނުވޭ. އަޅުގަނޑު މަޤާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ތެދުވެރިކަމާއި އަމާނާތްތެރިކާ އެކު ރައްޔިތުންނަށް ޚިދުމަތް ކުރަން،" ވަރަށް ޔަޤީންކަމާ އެކު ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު