ENGLISH

03 ޖޫން 2026

Advertisement

ސްކޭމް ހުއްޓުވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕީޖީ ގޮވާލައްވައިފި

03 ޖޫން 2026

|

އާމިނަތު ނުޒްލާ

އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ " ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޕީޖީ އޮފީސް

މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ޖަސްޓިސް ރިޓަޔާޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލައްވައިފިއެވެ.

ޢައްބާސް ޝަރީފް މިފަދައިން ގޮވާލެއްވީ އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދުނިޔޭގައި ކުރިއަރަމުންދާ ވަރަކަށް، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައިވެސް އިންތިޒާމުވެވިގެން މިފަދަ ކުށްތައްކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. 

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ޢަދަދު އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށާއި، މީގެ ތެރޭގައި ޓްރާންސް-ނޭޝަނަލް ފްރޯޑް މައްސަލަތައް ގިނަ ޢަދަދަކަށް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ސްކޭމްތައް ހުއްޓުވުމަކީ ޤައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއްކަމުގައި ދެކިގެން ނުވާނެ ކަމަށާއި، މި މަސައްކަތްކުރެވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުޤީޤުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންކަމަށް ޕީޖީ ވިދާޅުވިއެވެ. 

ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ފަހަތުގައި ފޮރުވިގެންތިބެ ހިންގާ ސްކޭމްތައް ބެލުމުގެ ވަސީލަތް އެކި ޤައުމުގައި ހުރީ އެކިވަރަށްކަމުން، އެއްޤައުމުގައި ހުންނަ ވަސީލަތް އަނެއް ޤައުމާ ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކުން، ވަސީލަތްތައް ހުރި ބޮޑެތި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. 

ދިވެހިރާއްޖެ އޮތީ މި ދާއިރާއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށާއި، އެހެން ޤައުމުތަކުން ހިންގާ މިބާވަތުގެ ތަޙުޤީޤުތަކަށް ދިވެހިރާއްޖެއަށް ދެވެން އޮތް ހުރިހައި އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮސްޓްރިއާގެ ވިއެނާގައި މިޖޫން މަހުގެ 1 އިން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު