ENGLISH
02 ޖޫން 2026
"މާލެ ޓެކްސީ" މޯބައިލް އެޕްލިކޭޝަން ގެ ހިދުމަތް ފަށައިފި
02 ޖޫން 2026
|
މާލެ ޓެކްސީ އެޕް ރަސްމީކޮށް ބޭނުންކުރަންފެށުން-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
މާލެ ޓެކްސީގެ ހިދުމަތް ހޯދާ ފާރަތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ތައްޔާރުކުރި ހާއްސަ މޯބައިލް އެޕްލިކޭޝަން " މާލެ ޓެކްސީ" އިފްތިތާހުކޮށް ބޭނުންކުރަން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތަކަށް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެޕްލިކޭޝަންގައިވާ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހިދުމަތްހޯދާ ފަރާތްތަކުން ކޮށްފައިވާ ދަތުރުތަކާއި، ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ. އެމްޓީސީސީން ބުނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ޓެކްސީ ލައިނަކީ، ގްރޭޓާ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އެމްޓީސީސީން އިތުރަށް ބުނީ، މޯބައިލް އެޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށާއި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލެވިފައިވާނެކަމަށެވެ.