ENGLISH

10 އޭޕްރީލު 2025

Advertisement

ވަނުއާޓޫއަށް އަނެއްކާވެސް ބިންހެލުމެއް، މި ފަހަރު އިތުރު ގެއްލުމެއް ނުވޭ

22 ޑިސެމްބަރު 2024

|

ހަސަން އާމިރު

ވަނުއާޓޫ އަށް އައި ދެވަނަ ބިންހެލުމުގައި މާބޮޑު ގެއްލުމެއް ނުލިބޭ.

ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ، ވަނުއާޓޫއަށް އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެ އެވެ.

ރިކްޓަރ މިންގަނޑުން 7.3  ބާރުމިނުގައި މިދިޔަ އަންގާރަ ދުވަހު އައި ބިންހެލުމުގައި ގިނަ މަގުތަކެއްގެ ބިންގަނޑު ކަނޑައިގެން ގޮސް، ވެއްޓުނު އެތަކެއް އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދަނިކޮށް، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ދެވަނަ ބިންހެލުމެއް ވަނީ އައިސްފައެވެ.

ނަމަވެސް، 6.1 މެގްނިޓިޓިޔުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި، ވަނުއާޓޫއަށް އިތުރު ގެއްލުމެއް ނުލިބޭ ކަމަށް އިދާރާތަކުން ބުންޏެވެ.

ވަނުއާޓޫގެ ސަރުކާރާ ޙަވާލާދީ އދ.ގެ ކަމާބެހޭ އިދާރާއިން ބުނީ، އަންގާރަ ދުވަހުގެ ބިންހެލުމުގައި މިހާތަނަށް 12 މީހަކު ވަނީ މަރުވެފައި ކަމަށެވެ.

އަދި އިތުރު 210 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންދާއިރު، 1،600 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ވަނުއާޓޫގައި ހަތް ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅެވޭ ގޮތަށް ކާފިއު ވެސް ހިންގައިފައެވެ.

ބިންހެލުމާ ގުޅިގެން، ވަނުއާޓޫގެ މައި އެއާޕޯޓު ބަންދުކުރިޔަސް، ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ޤައުމުން މިއަދުން ފެށިގެން ވަނީ ކޮމާޝަލް ފްލައިޓުތަކަށް އެއާޕޯޓު އަލުން ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު