ENGLISH

10 އޭޕްރީލު 2025

Advertisement

އަސްކަރީ މަރުކަޒުތަކަށް ގެއްލުން ދިން ކަމަށް ބުނެ އިމްރާން ޚާންގެ ސަޕޯޓަރުންތަކެއް ޖަލަށްލާން ޙުކުމްކޮށްފި

22 ޑިސެމްބަރު 2024

|

ހަސަން އާމިރު

ޕާކިސްތާން ސިފައިން މަގުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލަށް ލުމާ ގުޅިގެން، އެ މަނިކުފާނުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކުގައި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދިން ކަމުގެ ކުށް ސާބިތުވެ، 25 މީހަކު ޖަލަށްލާން އަސްކަރީ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަޤާމުން ދުރުކޮށް، މިދިޔަ އަހަރުގެ މެއި މަހު ހައްޔަރުކުރީ، ޕާކިސްތާނުގެ ބާރުގަދަ އަސްކަރީ ލީޑަރުންނާ ދެކޮޅަށް ފެއްޓެވި ވަރުގަދަ ކެމްޕޭނާ ގުޅިގެންނެވެ.

ޚިޔާނާތުގެ ތުހުމަތުކޮށް، ޚާން ހައްޔަރުކުރުމުން، އެ މަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެ، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، އަސްކަރީ ބައެއް މަރުކަޒުތަކަށް ވެސް ގެއްލުންދީފައެވެ.

ޕާކިސްތާނުގެ އަސްކަރީ ކޯޓުން ވަނީ، 25 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭގެތެރެއިން 14 މީހަކަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ޢާންމުންގެ ބައެއްގެ މައްސަލަތަކެއް އަސްކަރީ ކޯޓުން ނުބެލޭނެކަމަށް، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.

އަދި މިއީ އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ދިން ޙަމަލާއެއްގެ ގޮތުގައި އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ސިފަކޮށްފައެވެ.

އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) އިން ވަނީ މި ޙުކުމްތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު