ENGLISH
10 އޭޕްރީލު 2025
ޣައްޒާއަށްދޭ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ 90 އިންސައްތަ ނިމިއްޖެ
22 ޑިސެމްބަރު 2024
|
ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުން ވަނީ ޙާލުގައި ޖެހިފައި.
ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމަށް 90 އިންސައްތައާ ހަމައަށް އެއްބަސްވެވިފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން، މަޝްވަރާތައް އަލުން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެ މަޝްވަރާތައް ދުވަހަކު ކުރިއަށް ނުދާ މިންވަރަށް ގޮސްފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލަކު ބީބީސީ ނޫހަށް ވިދާޅުވިއެވެ.
އިޒްރޭލުގެ އިސްތިޢުމާރީ ދައުލަތުން އިތުރު ޝަރުތުތަކެއް ކުރިމަތިނުކޮށްފިނަމަ، ވަރަށް އަވަހަށް އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރުޞަތު މިހާރު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޙަމާސް ޖަމާޢަތުގެ އޮފިޝަލަކު ނަން ނުޖަހަން ޝަރުތުކޮށް އޭއެފްޕީ ނޫހަށް ބުނީ، ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މަޝްވަރާތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"އަދިވެސް އެއްބަސްނުވެވޭ ބައެއް ނުކުތާތައް އެބަހުރި. އެކަމަކު އޭގެން މަޝްވަރާތައް ކުރިއަށް ގެންދިޔުމަކަށް ހުރަހެއް ނާންނާނެ. ނަތަންޔާހު ކުރިމަތިކޮށްފާނެ އާ ޝަރުތުތަކުން މަޝްވަރާތަކަށް ބުރޫނާރައިފިނަމަ، މި އަހަރު ނިމުމުގެ ކުރިން އެއްބަސްވުން ފައިނަލް ކުރެވޭނެ،" އޭނާ ބުންޏެވެ.
އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެއެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެއް ހަފްތާއަށް ޙަމަލާތައް ހުއްޓާލައި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ރަހީނުންތަކެއް މިނިވަންކުރުން ފިޔަވައި، 14 މަހަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް ދާއިމީ ޙައްލެއް ހޯދިފައެއް ނުވެއެވެ.
ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.