ENGLISH
31 މޭ 2026
ލަފަޔާމެދު ގޮތް ނިންމާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު: އިޙްސާން
31 މޭ 2026
|
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
ރާއްޖެ އެތެރެ ކުރާ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 50% ކުޑަ ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާކަމަށާއި، އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ގާނޫނަށް އިސްލާހު ހުށަހަޅަންޖެހޭ ނަމަ އެކަން ކުރާނެކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ 2004 ވަނަ އަހަރުގެ ފަހުކޮޅު ސިނގިރޭޓްގެ ޑިއުޓީ ރޭޓުތަކަށް ބަދަލުގެނައީ ވޭޕް މަނާކުރުމާއެކު އެ ބޭނުންކުރާ މީހުން ދުންފަތް ބޭނުންކުރަން ފަށާފާނެތީ ކަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ޓޫލްއެއް އެއީ ޑިއުޓީ ރޭޓް ބަދަލުކުރުމަކީ. އޭރު 3.50 ރ. އިން 8ރ. އަށް ޑިއުޓީ ރޭޓް ބޮޑުކުރިން،". އިހުސާން ވިދާޅުވި އެވެ.
މި ރޭޓްތަކަކީ ދުންފަތް މަނާކުރުމުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ބޭނުންކުރަމުންދާ މިންގަނޑުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޑިއުޓީ ރޭޓަށް އޭރު ގެނައި ބަދަލަކީ ދުންފަތް ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅެއް ނޫންކަމަށާއި އެއަށް ވުރެ ބޮޑަށް އެ ފިޔަވަޅު އެޅީ ވޭޕް މަނާކުރުމާއެކު އެތަކެތި ބޭނުންކުރާ މީހުން ދުންފަތް ބޭނުންކުރަން ފަށާފާނެކަމަށް އޭރު ކުރެވުނު ދިރާސާތަކުން ދައްކާތީ އެކަން ހުއްޓުވުމަށް ތަޖުރިބާކާރުންގެ ލަފަޔާއެކުގައި ކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ދަނޑިވަޅުގައި ސިނގިރޭޓުން ޑިއުޓީ ބޮޑު ކުރަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޑިއުޓީ ރޭޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އަބަދުވެސް ސަރުކާރުން ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ރޭޓު ހިފަހައްޓާނީ އެއިރެއްގައި ކުރާ ދިރާސާތަކުން ދައްކާ ނަތީޖާއަކަށް ބަލައިގެން ކަމަށެވެ.
މި ވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯއިން ހަދާފައިވާ ދިރާސާއަކުން ރާއްޖެއަށް 2026 ވަނަ އަހަރަށް ރިކޮމެންޑްކޮށްފައި އޮތް އެއް ޑިއުޓީ ރޭޓަކީ 4ރ.. މިއީ އަޅުގަނޑުމެން ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. ކަމާ ގުޅުން ހުރި އިދާރާތަކާ އަދި މިކަމުގައި ނިންމުމެއް ނިންމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މިކަމުގައި މަޝްވަރާތައް ކުރާނަން. އަދި މަޝްވަރާކުރުމަށް ފަހު، އެ ރޭޓަށް ދާން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ނަމަ، ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،". ވަޒީރު ވިދާޅުވި އެވެ.
އިހުސާނު ވިދާޅުވީ މި ބަދަލުތައް ގެންނައިރު ފަންނީ މާހިރުންގެ ލަފަޔާއެކު މާކެޓް ޑިމާންޑަށް އަންނަ ބަދަލުތަކާއި މިފަދަ ނިންމުންތަކުން ކުރާ އަސަރު ހިސާބު ކުރާނެ ކަމަށެވެ. އަދި ވަކީން ހާއްސަކޮށް ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދޭ ލަފާތަކަށް ބަލާނެކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކުރި އެވެ. ޑިއުޓީ ރޭޓް 8ރ. އިން 4 ރ.އަށް ކުޑަ ކުރާ ނަމަ، އެއީ %50ގެ ކުޑަ ވުމެކެވެ.