ENGLISH

31 މޭ 2026

Advertisement

ޑަބްލިއުއެޗްއޯގެ ލަފައާ އެއްގޮތަށް ސިނގިރެޓުގެ ޑިއުޓީ މުރަޖައާކުރުމާމެދު ގޮތެއް ނިންމަނީ

31 މޭ 2026

|

ޝިފްޒާން އަޙްމަދު

ދުންފަތް ކޮންޓުރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ސިނގިރެޓުން ނަގަމުންދާ ޑިއުޓީއާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ދީފައިވާ ލަފައާއި އިރުޝާދުގެ އަލީގައި ޑިއުޓީ ރޭޓު މުރާޖައާކުރުމާމެދު ގޮތެއް ނިންމުމަށްޓަކަައި ކަމާ ބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށް ސަރުކާރުން ބުނެފި އެވެ. 

ދުނިޔޭގެ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ސަރުކާރުންވަނީ ދުންފަތުން ދިވެހިން ދުރުކުރުމަށް ފަސް އަހަރު ދުވަހުގެ ހާއްސަ ކެމްޕެއިނެއް ހިންގަން ނިންމާފައެވެ. އެކެމްޕެއިން އިއުލާނުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވީ ވޭޕް މަނާކުރުމާއެކު އެވަގުތުގައި ސަރުކާރުން ނިންމި އެންމެ އުނދަގޫ އެއް ނިންމުމަކީ ސިނގިރެޓަކުން އަށް ރުފިޔާގެ ޑިއުޓީއެއް ނަގާ ގޮތަށް ނިންމި ނިންމުން ކަމަށެވެ. 

އިތުރަށް އިހުސާނު ވިދާޅުވީ ސިނގިރެޓުން ނަގާ ޑިއުޓީއާއި ޓެކުހަކީ ދުންފަތް ކޮންޓުރޯލުކުރުމުގައި ހުރިހާ ގައުމުތަކުންވެސް ބޭނުންކުރަމުންދާ އާލަތެއް ކަމަށެވެ. ނަމަވެސް ވޭޕު މަނާކުރި ވަގުތު ޑިއުޓީ ބޮޑުކުރުމަށް ނިންމީ ދުންފަތް ކޮންޓުރޯލުކުރުމުގެ ފިޔަވަޅަކަށްވުރެ ބޮޑަށް ވޭޕު ބޭނުންކުރަމުންދިޔަ އެންމެން އެކަން ހުއްޓައިލަން މަޖުބޫރުވުމުން ސިނގިރޭޓު ބުއިމަށް އެނބުރިދާނެތީ އެކަން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އިހުސާނު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމެވީ ވޭޕު ބޭނުންކުރުމާ ދުރުވާ އެންމެން ސިނގިރެޓު ބޭނުންކުރަން ފެށުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކަމާ ގުޅޭ ގޮތުން ހެދުނު ހުރިހާ ދިރާސާތަކުން ފެނުމާއެކު، އެކަމާމެދު ސަރުކާރަށް ލަފާއެރުވި އެތެރެއާއި ބޭރުގެ ހުރިހާ މާހިރުން އެގޮތަށް ލަފާ ދެއްވުމުންނެވެ. 

"ޓޮބޭކޯ ކޮންޓުރޯލުކުރުމަށް، އަދި ދެމެހެއްޓެނެވި ގޮތަކަށް ވޭޕުވެސް މަނާކުރެވިފައި އޮވެފައި ޓޮބޭކޯވެސް ކޮންޓުރޯލުކުރެވިގެންދާނެ ގޮތަކަށް މި ޑިއުޓީ ރޭޓު އޭޒް އަ ޓޫލް އެޖަސްޓުކުރުމަކީ އަޅުގަނޑުމެން އަބަދުވެސް ވިސްނުން ގެންގުޅޭ ކަމެއް އެއީ. އެއިރެއްގައި ދިރާސާތަކުން ފެންނަ މިންވަރެއްގައި ޑިއުޓީ ރޭޓު ހިފަހެއްޓުމަކީ. މިވަގުތު އަަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން ހާއްސަކޮށް ޑަބްލިއުއެޗްއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރެކޮމެންޑުކުރައްވާފައި އޮތް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަަރަށް ސްޕެސިފިކް ރޭޓު ހަތަރު ރުފިޔާ ގޮތުގައި‌.،" ވަޒީރު ވިދާޅުވިއެވެ. 

އިހުސާނު ވިދާޅުވީ ޑަބްލިއުއެޗްއޯއިން ދީފައިވާ ލަފައާ އެއްގޮތަށް ސިނގިރެޓުގެ ސްޕެސިފިކް ޑިއުޓީ ނުވަތަ ކޮންމެ ސިނގިރެޓަކުން ނަގާ ޑިއުޓީ މުރާޖައާކުރުމާމެދު ގޮތެއް ނިންމާނީ އެކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހުއެވެ. އަދި ޑަބްްލިއުއެޗްއޯގެ ހުށަހެޅުމާ އެއްގޮތަށް ސިނގިރެޓުގެ ޑިއުޓީ މުރާޖައާކުރަން އެއްބަސްވެވިއްޖެނަމަ އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ސިނގިރެޓުގެ ޑިއުޓީއަށް ގެންނަ ކޮންމެ ބަދަލަކީ އެ ބަދަލުތަކާ ގުޅިގެން ދުންފަތުގެ ބާޒާރަށް އަންނަ ބަދަލުތަކަށް ބަލައިގެން ގެންނަ ބަދަލުތަކެއްކަން ފާހަގަކުރައްވަމުން އިހުސާނު ވިދާޅުވީ މުސްތަގުބަލުގައިވެސް ސިނގިރެޓުގެ ޑިއުޓީއަށް އެއްވެސް ބަދަލެއް ގެންނަނަމަ އެކަން ކުރާނީ ފަންނީ މާހިރުންގެ އިރުޝާދާއި ލަފާގެ އިތުރަށް، ދުނިޔޭގެ ސިއްހަތު ޖަމްްއިއްޔާ ފަދަ ޖަމްއިއްޔާ ޖަމާއަތްތަކުން ލިބޭ ފަންނީ ލަފައަށްވެސް ރިއާޔަތްކޮށްގެން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު