ENGLISH

01 ޖޫން 2026

Advertisement

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ

01 ޖޫން 2026

|

މުޙައްމަދު އަދުހަމް

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފުޓްބޯޅަ ޓީމު ކުރިއަށްދިޔަ ފަރިތަކުރުންތަކުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.

މި ޖޫން މަހުގެ 1 އިން 10 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށާފައިވަނީ މީގެ މަހެއްހާ ދުވަސްކުރީންނެވެ. އޭރު ޤައުމީ ޓީމުން ފަރިތަކުރުންތައް ފެށީ 32 ކުޅުންތެރިންގެ ސްކޮޑަކާއެކު އެވެ.

ޤައުމީ ޓީމުން މި މުބާރާތަށް އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑުގައި ވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤު (ދަގަނޑޭ) ވަނީ ހިމަނާފައެވެ. އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުރި ދަގަނޑޭ ވަނީ ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު މިދިޔަ މާރިޗް މަހުގައި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ފަހުބައިގައި ކުޅެން ނިކުމެފައެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އަޝްފާޤު (ކ) އާއި އައިހަމް ފޮޓޯއަކަށް މަޑުކޮށްލައިގެން. ފޮޓޯ: އެފްއޭއެމް

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ލިބުނު އެންމެ ބޮޑު ހީނަރުކަމަކީ، އަނިޔާގެ ސަބަބުން ފަރިތަކުރުންތަކުގައި ބައިވެރިވެވޭގޮތްނުވުމުން ޤައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓޭ) އާއި މުޙައްމަދު އިރުފާން (އިރޭ) އަށް ފައިނަލް ސްކޮޑުން ވަކިވާން ޖެހުމެވެ. މި ފަހަރުގެ ސްކޮޑުން ބާކީވި މި ދެ ކުޅުންތެރިންނަކީ ވެސް ފަހަކަށްއައިސް ޤައުމީ ޓީމުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. 

މީގެއިތުރުން، ޒުވާން ޤައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، އީތަން އިބްރާހިމް ޒަކީ އަށް ވެސް ފައިނަލް ސްކޮޑުން ޖާގަ ނުލިބުނެވެ. އެހެންނަމަވެސް، މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުގެ ސްކޮޑުން ވަނީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ، އަމްދާން އަލީ އާއި އަހުމަދު ޢަބްދުﷲ (ލިލީ) އަށް ފުރުޞަތުދީފައެވެ.

މި މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، މެޗުތައް ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.

މުބާރާތުގެ މެޗު ޝެޑިއުލް. ފޮޓޯ: އެފްއޭއެމް

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް ރާއްޖެ އައިސްފައިވަނީ މެއި މަހުގެ 30 ގައެވެ. ރާއްޖޭގެ އިތުރުން މުބާރާތަށް އައި ތިން ޤައުމު ކަމަށްވާ، އަފްޣާނިސްތާނާއި ޕާކިސްތާން އަދި ބަންގްލަދޭޝް ޓީމު ވެސް ކޭމްޕްކޮށްފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ.

ހަތަރު ޤައުމުގެ މެދުގައި ކުޅޭ، ޑައިމަންޑް ޖުބިލީ މުބާރާތް މިއަދު ހަވީރު ފަށާނީ، ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗުންނެވެ. އަދި، ރާއްޖޭގެ ފުރަތަމަ މެޗު އޮތީ މިރޭ 9 ޖަހާއިރު، އަފްޣާނިސްތާނާ ދެކޮޅަށެވެ. ރާއްޖޭގެ މެޗުގެ ކުރީން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭން އެންމެ ފަހުން އަފްޣާނިސްތާނާ ދެކޮޅަށް މެޗެއް ކުޅުނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުން 2-1 އިން ރާއްޖެ ބަލިވިއިރު، މި ދެ ޓީމު އޭގެ ކުރީން 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައްދަލުކުރި މެޗުން އަފްޣާނިސްތާން މޮޅުވީ 4-1 އިންނެވެ. އެންމެ ފަހުން ރާއްޖޭގައި މި ދެ ޓީމު ކުޅުނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައެވެ. އެ ފަހަރުގެ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ވަނީ މޮޅުވެފައެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސްކޮޑު:

ގޯލްކީޕަރުން: މުޙައްމަދު ފައިސަލް، ހުޝައިން ޝަރީފް، މުޙައްމަދު ޝަފީއު؛

ޑިފެންޑަރުން: ހުސައިން ސިފާއު ޔޫސުފް، ހައިޝަމް ޙަސަން، އަހުމަދު އައިހަމް، ތޯއިފް ގާސިމް، އަހުމަދު ޢަބްދުﷲ، އަމްދާން އަލީ؛

މިޑްފީލްޑަރުން: އައިސަމް އިބްރާހިމް، އަހުމަދު އައިހަމް، ޙަސަން އީނާޒް، އިބްރާހިމް ވަހީދު ޙަސަން، ނާޝިއު އަހުމަދު ޝިހާމް، ނައްސާހު އިބްރާހިމް ނާސިރު؛

ފޯވާޑުން: އަލީ އަޝްފާޤު، އަލީ ފާސިރު، ނާއިޒް ހަސަން، ހަމްޒާ މުޙައްމަދު، މުޙައްމަދު އިލާން އިމްރާން، އިބްރާހިމް މަހުދީ ޙުސައިން (ފޭދޫއިއްބެ)، ޢަބްދުﷲ ލޫތު އިބްރާހިމް.

ކިޔުންތެރިންގެ ހިޔާލު