ENGLISH

28 މޭ 2026

Advertisement

މީސްމީހުންގެ އަބުރަށް އަރައިގަންނަ ކުށްވެރިންނަށް ބަތަލުންގެ ދަރަޖަ ދިނުން ހުއްދަނުވާނެ: ޒަމީރު

28 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު

ދޮގު ހަބަރު ފަތުރައި މީސްމީހުންގެ ބޮލުގައި ހަގީގަތެއް ނެތް އިލްޒާމުތައް އަޅުވައި އެމީހުންގެ އަބުރު ކަތިލަމުންދާ މީހުންނަކީ މުޖުތަމައުގައި ބަތަލުންގެ ގޮތުގައި ސިފަކުރުމަކީ އިސްލާމްދީނުގެ ނަޒަރަކުން ބަލާއިރު ހުއްދަވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ވިދާޅުވެއްޖެއެވެ. 

ޒަމީރު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން އާއްމުކުރި ވީޑިޔޯއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާމެދު ގަޒުފުކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެވީޑިޔޯގައި ހުރި ވާހަކަތައް ފެތުރުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެގެން ޖަލަށްލި އެ ނޫހުގެ ދެ ނޫސްވެރިން މިނިވަންވުމާއެކު އެމީހުންނަށް މަރުހަބާ ކިޔުމަށް މާލޭގައި ބޭއްވި ހަފުލާއަކަށް އިޝާރާތްކުރައްވައި އެކްސްގައި ޝާއިއިކުރެއްވި ޕޯސްޓެއްގައެވެ. 

ޒަމީރު ވިދާޅުވީ މީސްމީހުންގެ އަބުރަށް އަރައިގަނެ ދޮގު ހަބަރު ފަތުރާ މީހުންނަށް ބަތަލުންގެ ލަގަބު ދިނުމަކީ އިސްލާމްދީނުގެ ނަޒަރަކުން އެއްގޮތަކަށްވެސް ހުއްދަވާނެ ކަމެއް ނޫންކަމަށާއި، އެ ދީނުގައި ބާރުއަޅަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމަށް ކަމަށެވެ. 

ޒަމީރުވަނީ ދީނީ ނަޒަރަކުން މުހިއްމު ދެތިން ނުކުތާއެއް އޭނާ ޝާއިއުކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވީ އަބުރަކީ އިސްލާމްދީނުގައި މުގައްދަސްވެގެންވާ ރައްކާތެރިކުރުން ލާޒިމު ކަމެއް ކަމުގައި ލައްވާފައިވުމެވެ. ދަލީލެއްގެ ގޮތުން ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޙަދީސްބަސްފުޅެއް ޒަމީރު ފާހަގަކުރެއްވިއެވެ. 

އެ ޙަދީސްބަސްފުޅަކީ "ކޮންމެ މުސްލިމެއްގެ ލެޔާއި، މުދަލާއި، އަބުރަކީ އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވާ އެއްޗެއް"ކަމަށް އެކަލޭގެފާނުގެ ވަދާޢީ ހައްޖުގެ ޚުޠުބާގައި ފާހަގަކުރެއްވި ލަފްޒެވެ. 

ދެވަނަ ނުކުތާއެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ އިސްލާމްދީނުގައި ދޮގު ހަބަރު ފެތުރުމަކީ ނުބައި އަމަލެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމެވެ. އެގޮތުން ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމަކީ އިސްލާމީ ނަޒަރުގައި ބޮޑުވެގެންވާ ފާފަތަކެއްކަން ޒަމީރު ފާހަގަކުރެއްވިއެވެ. އަދި އެ އަމަލުތަކުގެ ނަތީޖާއަކަށްވާނީ މުޖުތަމައުގައި ފިތުނަ އުފެދި، މީހުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި ލޯބި ނެތިގެންދިއުންކަމަށް މެންބަރު ވިދާޅުވިއެވެ. 

ފަހު ނުކުތާއެއްގެ ގޮތުގައި ޒަމީރު ފާހަގަކުރެއްވީ ނުބައި އަމަލުތައް ހިންގާ މީހުންނަށް ބަތަލުންގެ ދަރަޖަ ދިނުމަކީ އެފަދަ ނުބައިކަންކަމަށް ހިތްވަރު ދިނުން ކަމެވެ. މެންބަރު ވިދާޅުވީ މިފަދަ ނުބައި ފާފަތައް ކުރާ މީހުންނަށް ބަތަލުންގެ ދަރަޖަ ދިނުމަކ އެކަންކަމަށް ވާގިވެރިވުމުގެ ތެރޭގައި ހިމެނޭނެ ކަންކަމަށެވެ. 

އަދި ކުށްވެރިން މުޖުތަމައުގައި މަތިވެރިކޮށް ދަރަޖަ އުފުލުމަކީ އެކަމުގެ ސަބަބުން އިލާހީ ކޯފާ ހައްގުވާނެ ކަމެއްކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ މީހުންގެ އަބުރު ނަގައިލައި އަސްލެއް ނެތް ދޮގު އިލްޒާމުތައް ފަތުރާ މީހުން ބަތަލުންނަށް ހެދުމުގެ ބަދަލުގައި، އެމީހުންގެ ނުބައިކަމުން މުޖުތަމައު ސަލާމަތްކުރަންޖެހޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު