ENGLISH
28 މޭ 2026
ކަރަންޓުގެ ޑިމާންޑާ އެއްވަރަަށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުން
28 މޭ 2026
|
ސްޓެލްކޯ މާލޭ އިންޖީނުގެ- ފޮޓޯ: ސްޓެލްކޯ
އެންމެ މަޤްބޫލު
ކަރަންޓުގެ ހިދުމަތް ޑިމާންޑާ އެއްވަރަށް އެންމެ އެކަށޭނެ ގޮތުގައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ.އަލީ އަޒުވަރު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދާއި އެ ކުންފުނިން ހިދުމަތް ދޭ އެހެނިހެން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން މިހާރު 222 މެގަވޮޓަށް އަރާފައިވާ ކަމަށެވެ.
އެގޮތުން، އެ ހިދުމަތް ދެމެހެއްޓެނެވި ގޮތުގައި ދިނުމަށް ބޭނުންވާ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، ސްޓެލްކޯއިން މިހާރު ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން މާލެ ކައިރީގައިވާ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދެމުންދާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ދަނީ، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތްވެސް ބަލަހައްޓަމުންކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.
މާލެ ސަރަހައްދަކީ، ކަރަންޓުގެ ލޯޑު ނުވަތަ ޑިމާންޑް އާދަޔާ ހިލާފަށް ބޮޑުވަމުންދާ ތަނެއްކަން ފާހަގަކުރައްވާ ޑރ. އަޒުވަރު ވިދާޅުވީ އިމާރާތްތައް އުސްވެ، އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް މަތިވަމުންދާ ކަމަށެވެ. އަދި އިތުރުވަމުން އަންނަ ލޯޑަށް ކޭޓަރ ކުރުމަށް ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭކަން އެމްޑީ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ ހިދުމަތުގެ ދާއިރާ މިހާރު ވަނީ، ކުރިއަށްވުރެ ބޮޑަށް ފުޅާވެފައެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅުން ފެށިގެން މ.އަތޮޅާ ހަމައަށް ދިން ހިދުމަތްތައް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ.
މިއީ، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ބަދަލެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
ސްޓެލްކޯގެ އުންމީދަކީ، އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.