ENGLISH
27 މޭ 2026
ލޯނު ދެއްކުމަށްފަހު އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި
27 މޭ 2026
|
މާލީ ވުޒާރާ
އެންމެ މަޤްބޫލު
އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު-- އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި އެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް މުޅި ޖުމްލަ 923 މިލިޔަން ރުފިޔާ ޖަމާކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރީ 776 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މު މުއްދަތާ އަޅާބަލާއިރު 18 އިންސައްތަ އިތުރު އަދަދެކެވެ.
މި މުއްދަތުގައި ދަރަނި ދެއްކުމަށް ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު ހޭދަކޮށްފައިވެއެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ހިމެނެ އެވެ. މި ދަރަނިތައް އަދާކޮށްފައިވަނީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ދައުލަތުގެ ރިޒާވުން ނެވެ.
އެސް.ޑީ.އެފްއަށް ފައިސާ ޖަމާކުރުން އިތުރުވުމަކީ ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި، މުސްތަޤްބަލުގައި ދަރަނި އަދާކުރުމުގެ ޤާބިލުކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކޮށްދޭ ކަމެކެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ. 2016 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވެރިން ފަންޑަށް ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުން ނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީ އެވެ.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ކަމާ ބެހޭ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން މީގެ ކުރިން ހާމަވެފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސާލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ދިވެހި ރުފިޔާއެވެ. އެ ފަންޑަށް އެމްޑީޕީ ސަރުކާރުން ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ އައު ސަރުކާރު ހަވާލުވީިއިރު ބިލިއަނެއްހާ ޑޮލަރު މި ފަންޑުގައި ހުންނާނެ އެވެ.