ENGLISH
10 އޭޕްރީލު 2025
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން މެލޭޝިޔާއިން އެއްބަސްވެއްޖެ
21 ޑިސެމްބަރު 2024
|
މީގެ 10 އަހަރު ކުރިން ގެއްލުނު މެލޭޝިޔަން އެއަރލައިންސްގެ މަތިންދާބޯޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލޭޝިޔާއިން އެއްބަސްވެއްޖެއެވެ.
މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިންގަށް 239 ފަސިންޖަރުންނާއެކު ދަތުރުކުރި މެލޭޝިޔަން އެއަރލައިންސްގެ ފްލައިޓް އެމްއެޗް370 އަށް ވީނުވީއެއް ނޭނގި ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.
އެ ބޯޓު ހޯދުމަށްޓަކައި، އެތައް ޤައުމެއް ބައިވެރިވެގެން ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު އޮޕަރޭޝަނަށްފަހު ވެސް އެ ބޯޓު ފެނިފައެއް ނުވެއެވެ.
މެލޭޝިޔާގެ ޓްރާންސްޕޯރޓް މިނިސްޓަރ އެންތަނީ ލޯކޭ ވިދާޅުވީ، އެ ބޯޓު ހޯދުމުގެ އާ އޮޕަރޭޝަނެއް ފެށުމަށް މެލޭޝިޔާ ސަރުކާރުން މެރިޓައިމް އެކްސްޕްލޯރޭޝަން ކުންފުނި އޯޝަން އިންފިނިޓީ އާ އެކު އެއްބަސްވެފައިވާ ކަމަށެވެ.
އެ ކުންފުންނިން 2018 ވަނަ އަހަރުގެ ތެރޭގައި ވެސް ވަނީ އެ ބޯޓު ހޯދުމުގެ އޮޕަރޭޝަނެއް ހިންގައިފައެވެ.
ލޯކޭ ވިދާޅުވީ އިންޑިއާ ކަނޑުގެ ދެކުނުގެ 15،000 އަކަކިލޯމީޓަރުގެ އާ ސަރަޙައްދެއް އޯޝަން އިންފިނިޓީ ކުންފުނިން ބަލާނެ ކަމަށެވެ.
"އޯޝަން އިންފިނިޓީން ބަލަން ހުށަހަޅާފައިވާ އާ ސަރަޙައްދު ބިނާކޮށްފައިވަނީ ތަޖުރިބާކާރުންނާއި ދިރާސާ ކުރާ ފަރާތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ޑޭޓާތަކުގެ މައްޗަށް،" ލޯކޭ ވިދާޅުވިއެވެ.
ލޯކޭ ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު އޮޝަން އިންފިނިޓީ އާ އެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށާއި، އެއްބަސްވުމުގައި ސޮއި ކުރުމާ އެކު ބޯޓު ހޯދުމުގެ މަސައްކަތް ފަށާނައެވެ.
މި އެއްބަސްވުމުގެ ދަށުން 70 މިލިއަން ޑޮލަރު އޯޝަން އިންފިނިޓީއަށް ދޭންޖެހޭނީ ބޯޓު ފެނިއްޖެނަމަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.