ENGLISH
19 މޭ 2026
މަސްވެރިކަމުން އިގުތިސާދަށް އަގު އިތުރުވި މިންވަރު %30.8 މައްޗަށް
19 މޭ 2026
|
އެންމެ މަޤްބޫލު
ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާއަތުން އިގުތިސާދަށް އަގު އިތުރުވި މިންވަރު އޭގެ ކުރީ އަހަރަށްވުރެ 30.8 އިންސައްތަ މަތިވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުން ނެރުނު ފާއިތުވި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަޔާންކުރި ގޮތުގައި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުން އިގުތިސާދަށް އަގު އިތުރުކުރި މިންވަރު 33.1 އިންސައްތަ ދަށްވިއެވެ. ނަމަވެސް 2025 ވަނަ އަހަރު އެ ނިސްބަތް 30.8 އިންސައްތަ އިތުރުވިއެވެ.
މައިގަނޑު ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތުން އިގުތިސާދަށް އަގު އިތުރުކުރި މިންވަރު މަތިވީ މަސް ޕްރޮސެސްކުރާ ކުންފުނިތަކުން މަސް ގަތް މިންވަރު އިތުރުވުމާއި، ރޯ މަހާއި މަހުގެ އެކި އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރުވެސް އިތުރުވުމުގެ ސަބަބުންނެވެ.
މަސް ޕްރޮސެސްކުރާ ކުންފުނިތަކުން 2025 ވަނަ އަހަރު 88.3ހާސް މެޓްރިކްޓަނުގެ މަސް ކިރުވިއެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 66 އިންސައްތަ އިތުރުވުމެކެވެ. މަސް ކިރުވި މިންވަރު އިތުރުވީ މައިގަނޑު ގޮތެއްގައި ކަޅުބިލަމަސް ކިރުވި މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 32.4 ހާސް މެޓްރިކްޓަނުގެ ކަޅުބިލަމަސް 2025 ވަނަ އަހަރު ކިރުވިއެވެ. އެއީ ކުރީ އަހަރަށްވުރެ 80 އިންސައްތަ އިތުރު އަދަދެކެވެ.
އޭގެ އިތުރަށް ރީނދޫ އުރަހަ ކަންނެލި ކިރުވި މިންވަރުވެސް 20 އިންސައްތައިން އިތުރުވެފައިވެއެވެ. ޖުމްލަކޮށް ކިރުވި މަހުގެ 90 އިންސައްތައަކީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެއްޔެވެ.
މަސް ބޭރުކުރި މިންވަރަށް ބަލާއިރު ރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރު 92 އިންސައްތަ އިތުރުވިއެވެ. އެއީ 76.4 ހާސް މެޓްރިކްޓަނުގެ މަހެވެ. އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަޑުކުރި އަދި ތާޒާ ކަޅުބިލަމަަހެވެ. ގަޑުކުރި ކަޅުބިލަމަސް ބޭރުކުރި މިންވަރު 158 އިންސައްތަ އިތުރުވެފައިވެއެވެ.