ENGLISH

19 މޭ 2026

Advertisement

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

18 މޭ 2026

|

މުޙައްމަދު އަދުހަމް

ބޮޑުތަކުރުފާނުމަގު މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން. ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވާލައްވައިފިއެވެ. 

މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނަށް ހިއްސާކުރައްވާފައެވެ. 

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސެގްމަންޓް 2، 3 އަދި 4 ގެ އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް 100 މީޓަރުގެ ސަރަޙައްދެއްގައި ކެޕިންގ ކޮންކްރީޓް އަޅައި ނިމިފައިވާއިރު، މި ސެގްމަންޓްތަކުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީ އިން މަޢުލޫމާތުދެއެވެ.

ބޮޑުތަކުރުފާނުމަގު މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން. ފޮޓޯ: އެމްޓީސީސީ

މީގެއިތުރުން، ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމުގެ ކެޗްޕިޓްތަކާއި ފެންވަޅުތައް ހެދުމުގެ މަސައްކަތް ވެސް ހަލުއި ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެންކަރ ބްލޮކްތައް ބެހެއްޓުމާއި އެއްގަމު ތޮށީގެ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ. 

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު