ENGLISH
18 މޭ 2026
މޯލްޑިވްސް ޕްރިމިއަރ ބޭންކަށް އޮޕަރޭޓިންގ ލައިސަންސް ދީފި
18 މޭ 2026
|
މޯލްޑިވްސް ޕްރިމިއަރ ބޭންކަށް އޮޕަރޭޓިންގ ލައިސަންސް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އެމްއެމްއޭ
އެންމެ މަޤްބޫލު
"މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް" އަށް ރާއްޖޭގައި ބޭންކިންގ ވިޔަފާރިކުރުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.
މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ލައިސަންސް ހަވާލުކޮށް ދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން އެމްއެމްއޭގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޗެއަރޕާސަން އާއި ބޯޑު މެންބަރުން އަދި އެ ބޭންކުގެ އިސް މެނޭޖްމަންޓްގެ ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
"19 މެއި 2025 ގައި 'ޓިއަރ 1' ބޭންކެއް ޤާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން މި އޮތޯރިޓީއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކްގެ ނަމާއި މިލްކުވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކާއެކު މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށް ރާއްޖޭގައި ކޮމަރޝަލް ބޭންކިންގ ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި އޮޕަރޭޝަނަލް އެޕްރޫވަލް 18 މެއި 2026 ގައި މި އޮތޯރިޓީއިން ދޫކޮށްފީމެވެ." އެމްއެމްއޭގެ ނޫސް ބަޔާނުގައިވެއެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކާއެކު، ރާއްޖޭގައި މިހާރު ޚިދުމަތް ދެމުންދާ ބޭންކުތަކުގެ ޖުމްލަ އަދަދު ވަނީ 9 އަށް ވަނީ އަރައިފައެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑް އަށް ލައިސަންސް ދިނުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަކުރުމަށާއި، ބޭންކިންގ ސިނާޢަތުގައި ވާދަވެރިކަން އިތުރުކޮށް، ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިއްމު ކުރިއެރުމެކެވެ.
އެމްއެމްއޭގެ މަޤުޞަދަކީ، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލައިސަންސް ދޫކުރުމާއި ސުޕަވައިޒް ކުރުމުގެ ކަންކަން ކުރިއަށްގެންގޮސް، ހުރިހާ ފަރާތްތަކަށް ޝާމިލުވެވޭ ފަދަ ވާދަވެރި މާލީ ނިޒާމެއް ދިވެހިރާއްޖޭގައި ދެމެހެއްޓުން ކަމަށް ބުނެފައިވެއެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، ބޭންކިންގ ދާއިރާގައި ވާދަވެރިކަން އިތުރުކޮށް، މާލީ ޚިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.