ENGLISH

18 މޭ 2026

Advertisement

މި އަހަރު ޢަރަފާތުގެ ޚުޠުބާ ވިދާޅުވާނީ މަސްޖިދުއް ނަބަވީގެ އިމާމު ޢަލީ އަލްޙުޛައިފީ

18 މޭ 2026

|

ޝިފްޒާން އަޙްމަދު

ފަޟީލަތުއްޝައިޚް ޢަލީ އަލްޙުޛައިފީ

މި އަހަރުގެ ޢަރަފާތު ދުވަހުގެ ޚުޠުބާ ވިދާޅުވާނީ މަސްޖިދުއް ނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޢަލީ އަލްޙުޛައިފީކަމަށް ދެ ޙަރަމުގެ ދީނީ ކަންކަމާ ބެހޭ އިދާރާއިން ހަމަޖައްސައިފިއެވެ. 

ޝައިޚް އަލްޙުޛައިފީއަކީ ހިޖުރީ ސަނަތުން 1399 ވަނަ އަހަރުން ފެށިގެން މިހައިތަނަށްވެސް މަސްޖިދުއް ނަބަވީގެ އިމާމެއް އަދި ޚަޠީބެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންދާ ޢިލްމުވެރިއެކެވެ. އަދި އިސްލާމީ އުންމަތާއި ސަޢުދީ ޢަރަބިއްޔާގައިވެސް ގުނައިލެވޭ ފުންނާބުއުސް ޤާރީންގެ ތެރޭގައި ޝައިޚް ހިމެނިވަޑައިގަންނަވައެވެ. ޝައިޚުގެ ކިޔަވައިވިދާޅުވުން ސަޢުދީގެ ރޭޑިއޯ ޗެނަލްތަކާއި އެހެނިހެން ބައެއް ޤައުމުތަކުގެ ރޭޑިޔޯ ޗެނަލްތަކުން ގެނެސްދެއެވެ. 

މަސްޖިދުއްނަބަވީގެ އިމާމުކަމާއި ޚަޠީބުކަން ކުރެއްވުމުގެ އިތުރަށް ޝައިޚަކީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީގައި 1397 ވަނަ އަހަރުން ފެށިގެން ކިޔަވައިދެއްވާ އެ ޔުނިވަސިޓީގެ ޕްރޮފެސަރެކެވެ. ޝައިޚުވަނީ އެ ޔުނިވަސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ފިޤުހާއި ތައުޙީދު ކިޔަވައިވިދާޅުވެފައެވެ. އަދި އެ ޔުނިވަސިޓީގެ ކުއްލިއްޔަތުލް ޙަދީޘާއި ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީނުގައި ކިޔަވައިދެއްވިއެވެ. 

ޝައިޚް ޔުނިވަސިޓީގައި ކިޔަވައިދެއްވި ދާއިރާތަކުގެ ތެރޭގައި މަޛުހަބުތަކުގެ ޢިލްމު ހިމެނެއެވެ. އަދި ކުއްލިޔަތުލް ޤުރުއާނުގައި ޤިރާއާތުގެ ޢިލްމުވެސް ކިޔަވައިދެއްވިއެވެ. 

މަސްޖިދުއްނަބަވީގެ އިމާމުގެ އިތުރަށް ޤުބާ މިސްކިތުގެ އިމާމުކަމާއި 1401 ވަނަ އަހަރު މަސްޖިދުލް ޙަރާމުގައި އިމާމުވެ ނަމާދުކުރެއްވުމާއި، މުޞްޙަފުލް މަދީނަލް މުނައްވަރާ މުރާޖަޢާކުރާ ކޮމިޓީގެ ރައީސްކަން ކުރެއްވުމާއި، މުޞްޙަފު ޗާޕުކުރުމަށް ޚާއްޞަ މަޖްމަޢުލް އަލްމަލިކު ފަހުގެ ކިޔަވާފަައިވާ މުޞްޙަފު ރެކޯޑުކުރުމުގެ ކަންކަން ބަަލަހައްޓާ ކޮމިޓީގެ މެންބަރުކަން ކުރެއްވިއެވެ. 

ކޮންމެ އަހަރަަކުވެސް ޢަރަފާތުގެ ޚުޠުބާ ދެއްވުމަށް ސަޢުދީގެ ކަމާ ބެހޭ އިދާރާތަކުން އިޚުތިޔާރުކުރަނީ އިސްލާމީ އުންމަތުގައި އިޙުތިރާމު ލިބިވަޑައިގެން ތިއްބެވި ބޮޑެތި ޢިލްމުވެރިންނެވެ. 

ކިޔުންތެރިންގެ ހިޔާލު