ENGLISH

18 މޭ 2026

Advertisement

ކާވާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމަށް ޖާޒީ ހަވާލުކޮށްފި

18 މޭ 2026

|

އިސްމާއިލް ޝާހު

ކާވާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެމް ސްޕޯޓްސް

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މި މަހު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ ސްކޮޑު އިއުލާންކޮށް، ޖާޒީ ހަވާލުކޮށްފިއެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް ކަތަމަންޑޫގައި ކުރިއަށްދާނީ މި މަހުގެ 22-29 ގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރުމަށް ގައުމީ އަންހެން ޓީމު މާދަމާ ނޭޕާލަށް ފުރާނެއެވެ.

ގައުމީ އަންހެން ޓީމުގެ ސްކޮޑު އިއުލާންކޮށް، ކުޅުންތެެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފައިވަނީ އިއްޔެ ހ. ބޯޅަގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޓީމަށް ޖާޒީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ގައުމީ އަންހެން ޓީމު އިއުލާންކޮށް، ޖާޒީ ހަވާލުކުރުމުގެ އިތުރުން ޕްރޮމޯޝަން ލިބުނު ވޮލީބޯޅަ ރެފުރީންނަށް ވަނީ ސެޓިފިކެޓް ހަވާލުކޮށްފައެވެ.

ކާވާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްއެމް ސްޕޯޓްސް

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ޖުމުލަ 8 ޓީމެއް ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ނޭޕާލާއި، ކިރްގިސްތާން އަދި އިންޑިއާއެވެ. އަނެއް ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި، ކަޒަކިސްތާނާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.

މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި 23 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ދެން ކުޅޭ މެޗުގައި 24 ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ އަޙްމަދު ނަދީމް (ނަދީމްބެ) އެވެ. އަދި އެސިސްޓަންޓް ކޯޗުންނަކީ ފަތުހުﷲ ވަހީދާއި އައިމިނަތު ޒީނާއެވެ.

ކިޔުންތެރިންގެ ހިޔާލު