ENGLISH
18 މޭ 2026
މީދޫގައި ގާއިމްކުރި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ހުޅުވައިފި
18 މޭ 2026
|
މީދުގައި ހުޅުވި ފިއުލް ސްޓޭޝަންއިން ހިދުމަތް ދެނީ-- ފޮޓޯ: އެފްއެސްއެމް
އެންމެ މަޤްބޫލު
ރ. މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، ޚިދުމަތް ދޭން ފަށައިފި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެފްއެސްއެމް ގުޅިގެން ކުރަމުން އަންނަ މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަން ގާއިމްކޮށްފައިވަނީ، މިދިޔަ ޑިސެމްބަރު މަހު ރ. ދުވާފަރުގަ އެވެ.
ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ބަހައްޓައިގެން ތެލުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. މި މަޝްރޫޢަކީ މާލެއާ އެއް އަގަކަށް މަސްވެރިންނާއި އާއްމުރައްޔިތުންނަށް، ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން، މިހާތަނަށް މީދޫ ހިމެނޭހެން ޖުމްލަ ހަތް ރަށެއްގައި ވަނީ ޚިދުމަތް ދޭން ފަށާފަ އެވެ. އެއީ ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ބ. އޭދަފުއްޓާއި، ށ. މިލަންދޫގެ އިތުރުން ފ. ނިލަންދޫ އެވެ.
އެފްއެސްއެމުން މާލޭގެ ތިން ސަރަހައްދެއްގައި ފިއުލް ޝެޑްތައް ހިންގަމުންދާއިރު، އަތޮޅުތެރޭގެ އިތުރު ރަށްރަށުގައިވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
އެފްއެސްއެމް އިން ބުނީ، މީދޫގެ ފިއުލް ސްޓޭޝަނުން ސައިކަލާއި، ކާރު އަދި ޕިކަޕް ފަދަ އެއްގަމު ހުރިހާ އުޅަނދުތަކަކަށް ޕެޓްރޯލް އެޅުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން، އޮޑިދޯނިފަހަރަށާއި ލޯންޗުފަހަރަށް ބޭނުންވާ ޑީސެލް އެޅުމުގެ އިންތިޒާމުވެސް މި ސްޓޭޝަނުގައި ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުންޏެވެ.