ENGLISH
10 އޭޕްރީލު 2025
ވަނުއާޓޫ ބިންހެލުން: މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފުޅާކޮށްފި
20 ޑިސެމްބަރު 2024
|
ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ، ވަނުއާޓޫއަށް މިދިޔަ އަންގާރަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާއިރު، ވެއްޓުނު އެތައް އިމާރާތެއްގެ ދަށުން މީހުން ހޯދައި، ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށްފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، 7.3 މެގްނިޓިޓިޔުޑްގެ ބާރުމިނުގައި ބިންހެލުން އައީ ވަނުއާޓޫގެ ވެރިރަށް ޕޯޓް ވިލާގެ 37 ކިލޯމީޓަރު ދުރަށް ކަމަށެވެ.
އެ ބިންހެލުމުގައި އެތަކެއް އިމާރާތްތެއްގެ އިތުރުން، ބައެއް ބްރިޖުތައް ވެއްޓި، މަގުތަކުގެ ބިންގަނޑު ވެސް ވަނީ ކަނޑައިގެން ގޮސްފައެވެ.
ވަނުއާޓޫގެ ސަރުކާރާ ޙަވާލާދީ އދ.ގެ ކަމާބެހޭ އިދާރާއިން ބުނީ، އެ ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ.
ގާތްގަނޑަކަށް 320،000 އާބާދީއެއް އޮންނަ ޖަޒީރާ ޤައުމުގައި، 80،000 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހިފައިވާ ކަމަށް އދ.އިން ބުންޏެވެ. އަދި އޭގެ ތެރޭގައި 14،000 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އދ. އިން ވަނީ ބުނެފައެވެ.
ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީވާން، އޮސްޓްރޭލިޔާގެ އިތުރުން ނިއު ޒީލެންޑުން ވެސް ވަނީ އެކަމުގެ ފަންނީ މީހުންނާއި، އާލަތްތައް ވަނުއާޓޫއަށް ފޮނުވައިފައެވެ.
މި ހާދިސާގައި އެތައް ގެއަކަށް ވެސް ގެއްލުން ލިބިފައިވާއިރު، ހާހެއްހާ މީހުންގެ ގެދޮރު ގެއްލި މަގުމަތިވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ވަނުއާޓޫގައި ހަތް ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅެވޭ ގޮތަށް ކާފިއު ވެސް ހިންގައިފައެވެ.
ވަނުއާޓޫއަކީ ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުގެ ހިރާސް އެންމެ ބޮޑު އެއް ޤައުމުކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެއެވެ.