ENGLISH
10 އޭޕްރީލު 2025
ފްރާންސްގެ އާ ބޮޑުވަޒީރު ހުންނެވީ އަންނަ ހަފްތާގައި ކެބިނެޓު އެކުލަވާލެވޭނެކަމުގެ އުއްމީދުގައި
20 ޑިސެމްބަރު 2024
|
މި ހަފްތާ ބަންދުގައި ނޫނީ އަންނަ ބުދަ ދުވަހުގެ ކުރިން ކެބިނެޓާ އެކު ސަރުކާރު އެކުލަވާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި، ފްރާންސްގެ އާ ބޮޑުވަޒީރު ފްރާންސުއާ ބެއިރޫ ވިދާޅުވެއްޖެއެވެ.
ފްރާންސް މިހާރު ވެއްޓިފައި ސިޔާސީ އަނދަވަޅުން ސަލާމަތްކުރުމުގެ ބުރަ ޒިންމާއާ އެކު، އުމުރުން 73 އަހަރުގެ ބެއިރޫ ބޮޑުވަޒީރުގެ މަޤާމަށް ރައީސް އެމެނުއެލް މެކްރޮން ޢައްޔަންކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.
ބެއިރޫ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރެއްވީ، އެ މަޤާމުގައި ކުރިން ހުންނެވި މިޝެލް ބާނިއޭގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޤާމުން ދުރުކުރިތާ ނުވަ ދުވަސް ފަހުންނެވެ.
ބެއިރޫ އަކީ މެކްރޮންގެ ޕާޓީއާ ގުޅިފައިވާ މޮޑެމް ގްރޫޕްގެ ވެރިޔާއެވެ.
ބެއިރޫ ވިދާޅުވީ މި ހަފްތާ ބަންދުގައި ނުވަތަ އަންނަ ބުދަ ދުވަހުގެ ކުރިން ކެބިނެޓު އެކުލަވާލައްވައި، ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ނަމަވެސް، ވަރަށް ބޮޑަށް ބައިބައިވެފައިވާ މަޖިލީހުން ކެބިނެޓަށް ރުހުން ހޯދަން ބެއިރޫ އަށް ފަސޭހަފުޅެއް ނުވާނެއެވެ.
ކެބިނެޓަށް ރުހުން ހޯދުމުގެ އިތުރުން، ބާނިއޭ އެކޭ އެއްފަދައިން، އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ވެސް ބެއިރޫ އަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ބާނިއޭ އާ މެދު، އިދިކޮޅު ޕާޓީން ނުރުހުނީ، އަންނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން ކޯޅުން ބޮޑުވެ، އިޖުތިމާއީ ޚިދުމަތްތަކުގެ ބަޖެޓު ޕާލިމަންޓުގެ ވޯޓަށް ނާހައި ފާސްކުރުމުންނެވެ.
ބެއިރޫ ވިދާޅުވި ގޮތުގައި، ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ނިންމައި، އަންނަ ފެބްރުއަރީ މަހުގެ މެދެއްހާ ތަނުގައި މަޖިލީހާ ހަމައަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މެކްރޮން 2017 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މިއީ އާ ބޮޑުވަޒީރަކު އައްޔަނުކުރެއްވި ހަ ވަނަ ފަހަރެވެ.
އަދި ބެއިރޫ އަކީ މި އަހަރު ފްރާންސްގެ ބޮޑުވަޒީރުކަން ކުރައްވާނެ ހަތަރު ވަނަ ބޭފުޅާއެވެ.
ބާނިއޭގެ ސަރުކާރަކީ، 1958 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފްރާންސްގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކުރި ސަރުކާރެވެ.