ENGLISH
10 އޭޕްރީލު 2025
އިޒްރޭލުން ޣައްޒާ ފެނަށް ޖައްސައި، ފަލަސްތީނުގެ ނަޞްލު ނައްތާލަން އުޅޭކަމުގެ ތުހުމަތު
20 ޑިސެމްބަރު 2024
|
ފަލަސްތީނުގެ ޣައްޒާގައި ބޯފެން ލިބުން ގަސްދުގައި ދަތިކުރުމަކީ، ރާވައިގެން ފަލަސްތީނުގެ ނަޞްލު ނައްތާލުމަށް ހިންގާ ރަހުމުކުޑަ ޢަމަލެއް ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއާޤުވާމީ ޖަމްޢިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިޔު)ގެ ރިޕޯޓެއްގައި ބުނެފިއެވެ.
ޣައްޒާގައި ފެނުގެ ދަތިކަމާ ގުޅޭގޮތުން އެޗްއާރުޑަބްލިޔު އިން ޢާންމު ކުރި ރިޕޯޓެއްގައި ބުނީ، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ފެން ލިބުން، ބޮޑު ރޭވުމެއްގެ ތެރެއިން ދަތިކުރުމުގެ ސަބަބުން އެތައް ހާސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.
އަދި މިއީ، ފަލަސްތީނުގެ ނަޞްލު ނައްތާލުމަށް ހިންގާ ޢަމަލެއްގެ ގޮތުގައި ވެސް އެ ޖަމްޢިއްޔާ އިން ވަނީ ސިފަކޮށްފައެވެ.
އެޗްއާރުޑަބްލިޔުގެ އިތުރުން، ޑޮކްޓަރސް ވިތުއައުޓް ބޯޑަރސް (އެމްއެސްއެފް) އިން ބުނީ ހަނގުރާމައިގެ ނަމުގައި އިޒްރޭލު ސިފައިން ޣައްޒާގައި ހިންގާ އެތަކެއް ޖަރީމާތަކެއް އެ ޖަމްޢިއްޔާގެ ސިއްޙީ ޚިދުމަތްތެރިންނަށް ގާތުން ފެނިފައިވާ ކަމަށެވެ.
މިގޮތުން، ޣައްޒާގައި މީހުން މެރުމާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާތައް ދިނުމާއި، ގެދޮރު ދޫކުރަން މަޖުބޫރުކުރުމާއި، ކާބޯތަކެއްޗަށް ދަތިކޮށް ޙާލުގައި ޖެއްސުން ފަދަ ޢަމަލުތަކަކީ، ނަޞްލު ނައްތާލުމަށް ހިންގާ ޢަމަލުތަކެއްގެ ގޮތުގައި ބެލުމުގެ ޖާގަ ލިބޭ ކަމަށެވެ.
ނަމަވެސް، ޢާންމު އުޞޫލުގެ މަތިން އިޒްރޭލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ ޖަމްޢިއްޔާތަކުގެ ރިޕޯޓުތައް ބަލައިނުގަންނަ ކަމަށް ބުނެފައެވެ. އަދި އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ވަނީ އެ ޖަމްޢިއްޔާތަކުގެ ހޯދުންތަކުގައި ބުރަދަނެއް ނެތް ކަމަށް ބުނެފައެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ހަނގުރާމައަށް 14 މަސް ދުވަސްވެފައިވާއިރު، އިޒްރޭލުން ދަނީ ތަކުރާރުކޮށް، ޣައްޒާއަށް އެހީ ވައްދަން އޮތް މަގުތައް ބަންދުކޮށް، އެހީ ވެއްދުމަށް ހުރަސްއަޅަމުންނެވެ.
އެއާ އެކު، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް މިލިއަން މައުސޫމް ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަން ވަނީ އިންތިހާއަށް ފޯރައިފައެވެ.
ގާތްގަނޑަކަށް 14 މަހަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމާގައި، 45،000 އަށް ވުރެ ގިނަ ފަލަސްތީނުގެ މައުސޫމް ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.