ENGLISH
14 މޭ 2026
އުކުޅަހުގެ މަގު ހެދުމުގެ 76 އިންސައްތަ މަސައްކަތް ނިމިއްޖެ
14 މޭ 2026
|
އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން/ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މި މަޝްރޫއުގެ އަދާހަމަ ހިއްސާ ކުރަމުން ބުނީ މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ މަސައްކަތް ކަމަށެވެ.
އއ. އުކުޅަހުގެ މަގުތައް ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ 19 އޮކްޓޯބަރު 2022 ގައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 10 މަގެއްގައި 2،678 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރާނެއެވެ. މީގެ އިތުރުން، މަގުތަކުގައި ފެންބޮޑުވުން ކުޑަކުރުމަށް ފެންހިންދާ ނިޒާމަކާއި ސެޓްލްމަންޓް ޓޭންކުތައް ބަހައްޓާނެއެވެ. އަދި ކޭބަލްތަކަށް ޚާއްޞަ ޖަންކްޝަން ފޮށިތައް ވަޅުލުމުގެ އިތުރުން، 413 އަކަމީޓަރުގެ ސަރަޙައްދެއްގައި ހިނގާ މަގުތައް (ފޭވްމަންޓް) ހަދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭއިރު، 14،453 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ތަރުތީބުކޮށް، މަގުބައްތިތަކާއި މަގުމަތީގެ ނިޝާންތައް ހަރުކުރެވޭނެއެވެ. ހަމައެހެންމެ، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމުގެ ގޮތުން ކަފިހިހުރަސްތަކާއި، ދުވެލި މަޑުކުރާ ގޮބުތަކުގެ (ސްޕީޑް ބްރޭކަރު) އިތުރުން ރައްކާތެރިކަމުގެ ބޯޑުތައް ވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރާނެއެވެ.
މި މަޝްރޫޢު ނިމުމުން، އުކުޅަހަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މަގުތައް ޒަމާނީ ފެންވަރަށް ބަދަލުވުމާއެކު، އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިއީ ދިވެހި ސަރުކާރުން 56.11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ ބޮޑު މަޝްރޫޢެކެވެ. ބޮޑުމިނުގައި 23 ހެކްޓަރު ހުންނަ އުކުޅަހަކީ، އއ. އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އެ ރަށުގައި މިހާރު 1,100 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދެއެވެ.