ENGLISH

14 މޭ 2026

Advertisement

މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅައިފި

14 މޭ 2026

|

ޢަލީ ޝަހީމް

މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް. ނައިބު ރައީސްކަމުން ވަކިކުރުމުގެ ގަރާރު ވަނީ މަޖިލީހަށް ހުށަހަޅާފައި. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމުކޮށްފައިވާ މަޢުލޫމާތުގައި ބުނީ، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެކަން މަޖިލީހުން އާއްމުކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ. 

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ނިންމާފައިވެއެވެ. އެ ބައްދަލުވުމަށްފަހު، އޭނާ މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ހަމަކުރިއެވެ.  

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މެންބަރުންގެ ހަތަރުބައިކުޅަ އެއްބައިގެ ސޮޔާއެކުގައެވެ. އެއީ 24 މެންބަރުންނެވެ. މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ.

ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގަ އެވެ. އެ ވޯޓުގައި ނާޒިމް 80 ވޯޓު ހޯއްދެވިއެވެ. ނާޒިމާއެކު މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވި އެމްޑީޕީގެ އަޙްމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ. 

ނާޒިމް ވަނީ މީގެކުރިން 17 ވަނަ ރައްޔިތުގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު