ENGLISH

13 މޭ 2026

Advertisement

މިއަދުގެ ޙުކުމާމެދު އުފައްދާ, ސުވާލަށް ޝަމީމް: ސުޕްރީމް ކޯޓްގެ މި ޙުކުމް ބަލާ

12 މޭ 2026

|

އަޙުމަދު ޙަމީދު

ސުޕްރީމް ކޯޓް

ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވެ އަދަދު ނޫހުގެ ދެ ނޫސްވެރީން ޖަލަށްލާން ކުރި ހުކުމާމެދު އެކި ގޮތްގޮތަށް ވާހަކަ ދައްކާ, ސުވާލު އުފައްދާ މީހުންނަށް ސުޕްރީމް ކޯޓުން ކުރީން ކޮށްފައިވާ މި ބާވަތުގެ ޙުކުމަކުން ޤާނޫނީ ވަކީލް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ އަންޑަ ސެކެޓްރީ އާދަމް ޝަމީމް ޖަވާބު ދެއްވައިފި އެވެ.

އަދަދުގެ ދެ ނޫސްވެރީންގެ މައްޗަށް ޖަލު ހުކުމެއް އައީ ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ހިލާފުވި ކަމަށް ކަނޑައަޅަ އެވެ. އެގޮތުން ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ.

އާދަމް ޝަމީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިމިނަލް ކޯޓުން ނިންމި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ނިންމީ ސުޕްރީމް ކޯޓުން މީގެ ކުރީން ނިންމާފައިވާ މައްސަލައަށް ރިޢާޔަތްކޮށްގެން ކަމަށެވެ. އެއީ އޮގަސްޓް 11, 2021 ގައި ކުރި ޙުކުމެކެވެ.

މިއީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ޙުކުމެކެވެ. މިއީ އޭނާ ކޯޓަށް ހާޒިރުނުވެ ކޯޓްގެ ހުރުމަތް ކެނޑި ކަމަށް ނިންމާ ކޮށްފައިވާ ހުކުމެކެވެ.

ހުކުމްކުރީ ދެ މަހާއި 12 ދުވަހަށް ޖަލަށްލާށެވެ. އެ ޙުކުމް އިއްވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުޙައްްމަދު އިބްރާހީމް ހިމެނޭ ބެންޗަކުންނެވެ. އިސް ފަނޑިޔާރަކީ ހުސްނުއްސުއޫދެވެ.

ޝަމީމްގެ ޕޯސްޓްގައި ވަނީ އެ ޙުކުމް ވެސް ހިއްސާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު