ENGLISH
10 އޭޕްރީލު 2025
ޔޫކްރެއިނު ހަނގުރާމައިގައި އުތުރު ކޮރެޔާގެ 100 ސިފައިން މަރުވެއްޖެ: ދެކުނު ކޮރެޔާ
19 ޑިސެމްބަރު 2024
|
ރަޝިޔާގެ ކޫރްސްކް ސަރަޙައްދުގައި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ އުތުރު ކޮރެޔާގެ ސިފައިންގެ ތެރޭން 100 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ދެކުނު ކޮރެޔާ އިން ބުނެފިއެވެ.
އެ ސަރަޙައްދުގެ ބާރު ޔޫކްރެއިނުގެ އަތްދަށުގައި ބޭއްވުމަށް ގިނަ މަސައްކަތްތަކެއް އެ ޤައުމުން ކުރަމުންދާ އިރު، ރަޝިޔާގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުތުރު ކޮރެޔާއިން ސިފައިން ފޮނުވާފައިވާ ކަމުގައި ޔޫކްރެއިނުން ފުރަތަމަ ތުހުމަތު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
"މި ހިނގާ ޑިސެމްބަރު މަހު އެ މީހުން (އުތުރު ކޮރެޔާގެ ސިފައިން) ހަނގުރާމައިގައި ޢަމަލީ ގޮތުން ބައިވެރިވި. މިހާތަނަށް މަދުވެގެން 100 ސިފައިންގެ މީހަކު ވަނީ މަރުވެފައި،" ދެކުނު ކޮރެޔާގެ ޖާސޫސީ އިދާރާ އާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ލީ ސެއޮންގް-ކްވެން ނޫސްވެރިންނަށް ވިދާޅުވިއެވެ.
އަދި ހަނގުރާމައިގެ ތެރެއިން ޒަޚަމްވި އުތުރު ކޮރެޔާގެ ސިފައިން އަދަދު 1،000 އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލީ މިހެން ވިދާޅުވެފައި މިވަނީ، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެޔާގެ ސިފައިން ބައިވެރިވަމުންދާ ކަމަށާއި، އެ ކުރިމަތިލުންތަކުގައި އުތުރު ކޮރެޔާގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ އަދި ޒަޚަމްވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވެސް ބުނެފައިވަނިކޮށެވެ.
ރަޝިޔާ ސިފައިންނާ އެކު ހަނގުރާމައިގެ އިސް ސަފުގައި ބައިވެރިވާން، އުތުރު ކޮރެޔާއިން 11،000 އަށް ވުރެ ގިނަ ސިފައިން ކޫރްސްކް ސަރަޙައްދަށް ފޮނުވާފައިވާ ކަމަށް ޔޫކްރެއިނުން ވަނީ ބުނެފައެވެ.