ENGLISH

10 މޭ 2026

Advertisement

"ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުވުމުގައި މޫސުމާ ބެހޭ ވަޒީރު ބައިވެރިވެ ވަކާލާތު ކުރައްވައިފި

10 މޭ 2026

|

އާމިނަތު ނުޒްލާ

"ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުވުމުގެ ތެރެއިން ތުރުކިޔޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖް މުރާތު ކުރުމްއާއި ބައްދަލު ކުރެއްވުން-- ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

ތުރުކިޔޭގައި ކުރިއަށްދިޔަ "ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގަންނަވައި، ވަކާލާތު ކުރައްވާފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ 'ފްރޮމް ދަ ޑިޒާސްޓަރ އޮފް ދަ ސެންޗަރީ ޓު ދަ ކޮންސްޓްރަކްޝަން އޮފް ސަސްޓެއިނަބަލް ސިޓީސް' ގެ ނަމުގަ އެވެ. ވަޒީރުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރު ކުރުމާ ގުޅޭ ގޮތުން އަލިއަޅުއްވާލެއްވި އެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވީ،  ރާއްޖޭގެ ތިންވަނަ "ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (NDC) އާއި، އެކުލަވާލުމުގެ މަރުޙަލާގައިވާ "ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން" އަކީ ރާއްޖޭގެ "ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީ (2024-2030)" އާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެ އަދި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ދަތިތަކާއި، ބޭނުންވާ އެހީތެރިކަމާމެދު ވަޒީރު ވާހަކަފުޅު ދެއްކެވި އެވެ.

"ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

ކާރިސާތަކަށްފަހު އަލުން އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ތަރައްގީއަށް ރިއާޔަތްކޮށް، އެންމެންގެ ބައިވެރިވުން ހިމަނައި އަދި ވިލުންތެރިކަން އިތުރުވާނެފަދަ ގޮތަކަށް ސިޓީތައް ބިނާކުރުމަށް ލިބޭ ފުރުސަތުތަކުގެ މައްޗަށް މި ބައްދަލުވުމުގައި ބޮޑު އިސްކަމެއްދީ މަޝްވާރާކުރެވިގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ވަޒީރު ވަނީ މިނިސްޓީރައަލް ރަނުންޑްޓޭބަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ގައުމީ ތަރައްގީގެ ދިގު މުއްދަތުގެ ޕްލޭންތަކުގައި ކާރިސީ ހިރާސް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ބެހޭ މަސައްކަތްތައް ހިމެނުމުގެ މުހިއްމުކަމުގެ މައްޗައް ބާރު އަޅުއްވައި ވާހަކަފުޅުދައްކަވާފަ އެވެ.

"ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް" ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ވަނީ ތުރުކިޔޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖް މުރާތު ކުރުމްއާއި އެކު ރަސްމީ ބައްދަލުވުމެއް ބާއްވާފަ އެވެ. މީގެ އިތުރުން، ބަންގްލަދޭޝް، ބުރުނާއީ، ލީބިޔާ އަދި ކޮސޯވޯގެ ވަޒީރުންގެ އިތުރުނު ޔޫ.އެން. ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރާއި ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އެކަމުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންވެސް ވަޒީރު އަލީ ޝަރީފް މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުކީ ކޮޕް 31 އަށް ތައްޔާރުވުމުގެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، ސިޓީތަކުގެ ވިލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސަރުކާރުތަކުގެ އެހެނިހެން އިސް ވެރިންނާއި އަދި މި ދާއިރާގައި މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތައް އެއްތަންވެ ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު