ENGLISH

10 މޭ 2026

Advertisement

ސިފައިންގެ މަރުކަޒުތަކުގެ ހާލަތު ރަނގަޅުކޮށް ޔުނިފޯމާއި ސޭފްޓީ ގިޔަރު އައު ކުރަނީ

10 މޭ 2026

|

އައިމިނަތު ޝަފާ

ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު

ސިފައިންގެ މަރުކަޒުތަކުގެ ހާލަތު ރަނގަޅުކޮށް، ސިފައިންގެ ޔުނިފޯމާއި ސޭފްޓީ ގިޔަރު އައު ކުރުމުގެ މަސައްކަތް ފަށާފައިވާކަން ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ވަޒީރުކަމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެންމެ ފުރަތަމަވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ ސިފައިންގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރެއްވުމަށް މަސައްކަތްޕުޅު ކުރެވުމަށް ކަމަށެވެ. 

"އެގޮތުން ސިފައިންގެ ހިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ސިފައިންގެ މަރުކަޒު ތަކުގެ ހާލަތު ރަނގަޅުކޮށް ސިފައިންގެ ޔުނިފޯމާއި، ސޭފްޓީ ގިޔަރު އައު ކުރުމަށް ވަގުތުން މަސައްކަތް ކުރުމަށް ވިދާޅުވި އެވެ. ޖުމްލަކޮށް ސަރުކާރު ވެރިކަމާ ހަވާލުވީއިރު ސިފައިން ކަންކަން އޮތް ނިކަމެތި ހާލަތު ބަދަލުކޮށް ރަނގަޅު ހާލަތަކަށް ބަދަލުކުރުމުގެ މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށް ގެންދިއުމަށް ވިދާޅުވި. މި މަސައްކަތް އަޅުގަނޑު މިހާރު ފަށައިފިން،" ވަޒީރު ވިދާޅުވި އެވެ. 

އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ހޯދުމުގެ މަސައްކަތް ސިފައިންގެ ޓެކްނިކަލް ޓީމުތަކުން ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ މިކަންކަމަކީ ހަމައެކަނި ދިފާއީ ވުޒާރާއަށް އެކަނި ކުރެވޭނެ ކަންކަން ނޫންކަމަށާއި އެކަމަށް ހުރިހާ ވުޒާރާއެއްގެ، ވަކިން ހާއްސަކޮށް މާލީ ވުޒާރާގެ އެހީތެރިކަން ބޭނުންވާކަމަށެވެ. 

ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ މުހިންމު އެއް ވާހަކަފުޅަކީ ދިވެހިންނަށް އެންމެ މުހިންމު އެއްކަމަކީ މި ފަސްގަނޑުގެ މިނިވަންކަން ދިފާއުކުރުންކަމަށާއި، ގައުމުގެ އިސްތިގުލާލާއި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެއްޓުމުގެ މުހިންމުކަމުގެ ވާހަކަފުޅުކަމަށް ވަޒީރު ވިދާޅުވި އެވެ. 

ދިފާއީ ދާއިރާ ކުރިއެރުވުމުގައި ރައީސްގެ އޮތީވަރަށް އިހުލާސްތެރި ނިޔަތެއްކަމަށް ވިދާޅުވި އެވެ. 

ވަޒީރު ވިދާޅުވީ ގައުމަށް ގެއްލުންދޭ ސިޔާސަތުތަކާ ހުރިހާ ރައްޔިތުންވެސް ދުރުވާން ޖެހޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު