ENGLISH
10 އޭޕްރީލު 2025
ޗާގޯސް ޙަވާލުކުރާ އެއްބަސްވުމާމެދު މޮރިޝަސް ހިތްހަމަނުޖެހޭތީ، އިނގިރޭސިންނާ އެކު އަލުން މަޝްވަރާ ކުރަނީ
19 ޑިސެމްބަރު 2024
|
ސަރަޙައްދީ ގޮތުން މުޙިންމު، ޗާގޯސްގެ ޖަޒީރާ ރަށްތައް އިސްތިޢުމާރު ކޮށްފައިވާ، އިނގިރޭސިވިލާތުން އެ ރަށްތައް އަނބުރާ މޮރިޝަސް އާ ޙަވާލުކުރަން މިހާރު ހުށަހަޅާފައިވާ އެއްބަސްވުމާމެދު ހިތްހަމަނުޖެހި، އަލުން މަޝްވަރާ ކުރަން މޮރިޝަސް އިން ނިންމައިފިއެވެ.
އެތައް ޒަމާނެއް ވަންދެން ކުރި މަޝްވަރާތަކަށް ފަހު އިނގިރޭސިވިލާތުން މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވީ ކުރީގެ ކޮލޮނީއެއް ކަމަށްވާ ޗާގޯސް ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށެވެ. ނަމަވެސް، އެ ޖަޒީރާގެ އެންމެ ބޮޑު ރަށްކަމަށްވާ ޑިއޭގޯ ގާސިއާ ނޫނީ ފޯޅަވަހީގައި ހިންގާ އެމެރިކާގެ އަސްކަރީ މަރުކަޒު އެ ރަށުގައި ބާއްވަން ވަނީ ޝަރުތުކޮށްފައެވެ.
ނަމަވެސް، މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައި، ވެރިކަމާ ޙަވާލުވެވަޑައިގެންނެވި މޮރިޝަސްގެ ބޮޑުވަޒީރު ނަވިން ރަމްގޫލަމް މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ އިނގިރޭސިވިލާތުގެ ހުށަހެޅުމާމެދު ޝައްކުތަކެއް ހުރި ކަމަށެވެ.
"އިނގިރޭސިވިލާތާއެކު ވީއެންމެ އަވަހަކަށް އެއްބަސްވުމެއް ހަދަން ތައްޔާރަށް ތިބި ނަމަވެސް، އާންމު އިންތިޚާބަށް ފަހު އަޅުގަނޑުމެންނަށް ދެއްކި އެއްބަސްވުމުގެ ޑްރާފްޓަކީ، އަޅުގަނޑުމެންގެ ނަޒަރުގައި އެފަދަ އެއްބަސްވުމަކުން ޤައުމުން އުންމީދު ކުރާ ވަރުގެ ފައިދާއެއް ލިބޭނެ އެއްބަސްވުމެއް ކަމަށް ޤަބޫލެއް ނުކުރެވޭ،" ރަމްގޫލަމް މޮރިޝަސްގެ ޤާނޫނު ހަދާ މަޖިލީހަށް އިއްވެވި ބަޔާނެއްގައި ވިދާޅުވިއެވެ.
ނަމަވެސް، މޮރިޝަސް އިން އިނގިރޭސިވިލާތުގެ ސަރުކާރަށް ހުށަހަޅަން ބޭނުންވާ އާ ޝަރުތުތަކުގެ ތަފްޞީލެއް ބޮޑުވަޒީރު ނުދެއްވައެވެ.
އެކަމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވީ، މި އެއްބަސްވުމަކީ ދެ ފަރާތުގެ މަސްލަޙަތު ކަށަވަރު ކުރެވޭ އެއްބަސްވުމެއްކަން ޔަޤީންވާ ކަމަށާއި މޮރިޝަސްގެ އާ ސަރުކާރާ އެކު އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސް އާ ވަކިކޮށް، ޤާއިމުކުރި އަސްކަރީ މަރުކަޒު އެމެރިކާއަށް ކުއްޔަށް ދޭން ނިންމީ 1965 ވަނަ އަހަރުގެ ތެރޭގައެވެ.