ENGLISH
06 މޭ 2026
ތިލަމާލެ ބްރިޖުގައި ކޮލިޓީގެ މައްސަލައެއް ނޫޅޭ: ވަޒީރު މުއްޠަލިބް
06 މޭ 2026
|
ވަޒީރު މުއްޠަލިބް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ. ފޮޓޯ؛ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ކޮލިޓީގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ނޫސްވެރިންނަށް ދައްކާލުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންްނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މި ބުރިޖާ ގުޅުވައި ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރެމުންދާކަމަށެވެ. އެގޮތުން ބްރިޖުގައި ބެންޑެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށް ވިދާޅުވި އެވެ.
"މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫނޭ. މިއީ ޑިޒައިންކޮށްފައި އިންޖީނިއާކޮށްފައި އޮތް ޕްރޮޖެކްޓެކޭ. މާނައަކީ ދުރުން ފެންނަ ގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީއަކީ. އެ ބުނާ ކަހަލަ ޑިޕެއް ނުހުންނާނެ. މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗާއަކަށް ވާތީވެ، އެ ބުނާ ކަހަލަ ޑިފެކްޓް ހުރި ނަމަ ހުރިހާ ސެގްމަންޓެއް ގުޅިގެން އެއްވަރު ވެގެނެއް ނުދާނެ. އެހެންވީމަ، މިއީ ކޮލިޓީގެ މައްސަލައެއް ނޫނޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން، އެއީ އިލޫޝަނެއް. މަސައްކަތް ދަނީ ބްރިޖުގައި އެ ބުނާ ބެންޑުތަކެއް ހުރެގެނެއް ނޫން،". ވަޒީރު ވިދާޅުވި އެވެ.
ބްރިޖު ނިމިގެންދާއިރު ބްރިޖު ވެގެންދާނީ ބިނާކުރުމާއި އިންޖިނިއަރިންގެ އަޖައިބަކަށް ކަމަށާއި، މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވި އެވެ. އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުންނާއި އިންޑިއާ ސަރުކާރުން ދެއެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ބްރިޖު އެޅުމުގެ މަސައްކަތް ޙަވާލުކުރީ 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހެވެ. އެ ވެރިކަން ނިމުނުއިރު އެންމެ ބްރިޖުގެ ތަނބެއް ނޫނީ ނެތެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ބްރިޖުގެ ނިމިފައި އޮތީ 29 އިންސައްތައެވެ. ނަމަވެސް މިހާރު ވަނީ މި މަޝްރޫއުގެ 72.17 އިންސައްތަ ނިންމާފަ އެވެ.