ENGLISH
05 މޭ 2026
މެކްބުކް ނިއޯ: ދަރިވަރުންނަށް ޚާއްސަކޮށްގެން އެޕަލްގެ އާ އީޖާދެއް
05 މޭ 2026
|
އެންމެ މަޤްބޫލު
ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ މަޝްހޫރު އެއް ކުންފުނި ކަމުގައިވާ އެޕަލް ކުންފުނިން ވަނީ ދާދި ފަހުން ގިނަ ބަޔަކަށް އަމާޒުކޮށްގެން އެ ކުންފުނީގެ އެންމެ މުހިންމު އެއް އުފެއްދުމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މެކްބުކްގެ އާ ވައްތަރެއް ތަޢާރަފްކޮށްފައެވެ. އެގޮތުން މިއަހަރުގެ މާރޗް މަހު އެޕަލް ކުންފުނިން ތަޢާރަފްކުރި "މެކްބުކް ނިއޯ" އަކީ ކިޔަވާ ކުދިންނަށް ޚާއްސަކޮށްގެން، ޒަމާނީ ފީޗާސްތަކަކާއެކު ތައްޔާރުކޮށްފައިވާ މެކްބުކްގެ އާ މޮޑަލްއެކެވެ.
އެޕަލްގެ އެހެން މެކްބުކްތަކާއި އަޅާބަލާއިރު މައިގަނޑު ގޮތެއްގައި މެކްބުކް ނިއޯ ތަފާތުވެގެންދާ ސަބަބުތަކުގެ ތެރޭގައި އޭގެ ޑިޒައިނާއި އެކްސެސިބިލިޓީ ހިމެނެއެވެ. މެކްބުކް ނިއޯ އަކީ ދަރިވަރުންނާއި ކޮންމެ ދުވަހަކު ލެޕްޓޮޕް ބޭނުންކުރާ ފަރާތްތަކަށް އެކަށިގެންވާ ލެޕްޓޮޕަށް ވުމުގެ އިތުރުން މިއީ މިހާތަނަށް އެޕަލް ކުންފުނިން ނެރުނު އެންމެ އަގުހެޔޮ ލެޕްޓޮޕްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. ވަރުގަދަ އެލުމީނިއަމް ބޮޑީއަކުން އުފައްދާފައިވާ މި އާ އީޖާދަކީ ކިޔެވުމާއި ކޮންޓެންޓް ކްރިއޭޝަން ފަދަ ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތްތަކަށް ފަރުމާކޮށްފައިވާ ލެޕްޓޮޕެކެވެ.
މެކްބުކް ނިއޯގެ ޑިޒައިނާއި އެކްސެސިބިލިޓީގެ އިތުރުން ދެން އެންމެ ފާހަގަކޮށްލެވެނީ އޭގެ ކުލަތަކުގެ ރޭންޖެވެ. ނިއުޓްރަލް ޓޯންތަކުގައި ހުންނަ ކުރީގެ މެކްބުކްތަކާ ޚިލާފަށް މެކްބުކް ނިއޯ މޮޑަލްގައި ސިލްވަރ ގެ އިތުރުން ބްލަޝް، ސިޓްރަސް އަދި އިންޑިގޯ ފަދަ އަލިގަދަ ކުލަތަކެއް ވެސް ތަޢާރަފްކޮށްފައިވެއެވެ.
މިކަމުން ވެސް ދައްކުވައިދެނީ ޓެކްނޮލޮޖީގެ އިންޑަސްޓްރީއަށް އަންނަ ތަފާތު ބަދަލުތަކާއި މި ކުންފުނިތަކުގެ އަމާޒަކީ ހަމައެކަނި ޕާފޯމަންސް ރަނގަޅުކުރުން ނޫން ކަމަށާއި ޕާސަނަލައިޒޭޝަން އާއި ޑިޒައިން އިތުރަށް ފުރިހަމަކުރުމަށް ކުރާ މަސައްކަތްތަކެވެ.
ޕާފޯމަންސްގެ ދާއިރާއިން ބަލާއިރު، މެކްބުކް ނިއޯގައި ބޭނުންކުރަނީ ތަފާތު ވައްތަރެއްގެ ޕްރޮސެސަރެކެވެ. އެއީ ސްމާޓްފޯނުތަކުގައި ބޭނުންކުރާ ޗިޕްތަކާ އެއްގޮތް އޭ18 ޕްރޯ ޗިޕެވެ. މި ޗިޕްގެ އެހީގައި ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް ވަންދެން މެކްބުކް ބޭނުންކުރި ކަމުގައިވިނަމަވެސް، ޗާޖް ހިފަހައްޓާ، މަސައްކަތްތައް ފަސޭހަކަމާއެކު ނިންމާލެވޭނެއެވެ.
މެކްބުކް އެއާ އާއި މެކްބުކް ނިއޯގައި ތަފާތުތަކެއް ވާއިރު، މެކްބުކް އެއާ އަކީ ބޮޑަށް އެޑްވާންސްޑް އެޕްލިކޭޝަންތަކާއި ޕްރޮފެޝަނަލް މަސައްކަތްތައް ފަދަ ބަރު މަސައްކަތްތަކަށް ފަރުމާކޮށްފައިވާ ލެޕްޓޮޕެކެވެ. މި މެކްބުކް ތައްޔާރުކޮށްފައިވަނީ އެޕަލްގެ އެމް ސީރީޒް ޗިޕްސް ކަމުގައިވާ މާ މަތީ ޕާފޯމަންސެއް ފޯރުކޮށްދޭ ޗިޕްތަކަކުންނެވެ. އޭގެ ބަދަލުގައި މެކްބުކް ނިއޯ އަކީ އަގުހެޔޮ، ކޮންމެ ދުވަހަކު ކިޔެވުމުގެ ބޭނުންތަކަށް ނުވަތަ ކުދި އެހެނިހެން މަސައްކަތްތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ "ސްޓޫޑެންޓް ފްރެންޑްލީ" ލެޕްޓޮޕެކެވެ.
އެޕަލްއިން ތައާރަފްކުރި މެކްބުކް ނިއޯ އިން ވެސް ހާމަވެގެންދަނީ ތަފާތު އެކި މަސައްކަތްތަކަށް ލެޕްޓޮޕް ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަކަށް ވިސްނައިގެން އެޕަލްއިން ޕްރޮޑަކްޓް ރޭންޖް އިތުރަށް ފުޅާކުރަމުންދާކަމެވެ. މެކްބުކް އެއާ އަކީ ޕްރީމިއަމް އަދި ވަރުގަދަ އޮޕްޝަނެއްގެ ގޮތުގައި ދެމިއޮތްއިރު، މެކްބުކް ނިއޯ އަކީ ގިނަ ބަޔަކަށް ބޭނުންކުރަން އަދި ހޯދަން ފަސޭހަ ލެޕްޓޮޕެކެވެ.
ތަފާތު ކުލަތަކަކާއެކު އެޕަލް ކުންފުނިން ފަރުމާކޮށްފައިވާ މެކްބުކް ނިއޯ އަކީ ގިނަ ބަޔަކަށް ޚާއްސަކޮށް ކިޔަވާ ކުދިންނަށް އެތައް ފައިދާތަކެއް ލިބޭނެ ވަސީލަތަކަށް ވެގެންދާނެއެވެ.