ENGLISH
03 މޭ 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުޙަބާއެއް
03 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުޙަބާއެއް ދެންނެވުން --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ޤައުމަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުފުޅު ކުރެއްވި ލަންކާގެ ޤައުމީ އެއާލައިންގެ ބޯޓް އެ ޤައުމުގެ މައި ވައިގެ ބަނދަރު، ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖެއްސިއިރު މަރުހަބާ ދެންނެވުމަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެއަރޕޯޓާއި އެެއަރޕޯޓާއި ގުޅިފައިވާ ސަރަޙައްދުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ ފޮޓޯފުޅުތައް ބަހައްޓާފައިވެ އެވެ. އަދި ހެޔޮ އެދުމާއި މަރުހަބާގެ އެކި ޝުޢޫރުތައް ލިޔެފައިވާ ބެނާތައް ބަހައްޓާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުޙަބާއެއް ދެންނެވުން --
މީގެ އިތުރުން ދެ ޤައުމުގެ ޤައުމީ ދިދައިން ޒީނަތްތެރިކޮށްފައިވެ އެވެ.
ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓް (ބީއައިއޭ) އިން އެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ސަގާފީ ހަރަކާތެއް ހިމެނޭހެން، މަރުހަބާ ވިދާޅުވުމުގެ ހަރަކާތްތަކެއް، ބީއައިއޭ ގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރައީސްގެ ދެކަނބަލުންނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ލަންކާގެ ބޮޑުވަޒީރެވެ. އަދި އެ ޤަައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާއި ސަލާމް ކުރައްވާފަ އެވެ.
އަދި އެ ޤައުމަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ލިޔުއްވާ ސޮއިކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުޙަބާއެއް ދެންނެވުން --
ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުން އޮތީ މާދަމާ ހެނދުނު އެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާއި އެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސްރީލަންކާއިން ހޫނު މަރުޙަބާއެއް ދެންނެވުން --
މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ. މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.