ENGLISH

03 މޭ 2026

Advertisement

ނޫސްްވެރިކަަމަށް ފަހި ދައުރެއް؛ މައުލޫމާތު ހާމަކުރައްވައި ޖަވާބުދާރީވެވަޑައިގަތުމާއެކު މާލީ މިނިވަންކަން ކަށަވަރުކޮށްދެއްވި

03 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސް ކުރިއަށްގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

މިހާރު އަމަލުކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދިން އެންމެ މުހިއްމު އެއް ހައްގަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އެ ހައްގާ ގުޅިގެން ދިވެހިންނަށް ލިބިގެންދިޔަ އެންމެ ބޮޑު މިނިވަންކަމަކަށްވާނީ ނޫސްވެރިކަމުގެ މިނިވަން ކަމެވެ. ނޫސްވެރިކަމުގެ މިނިވަންކަންް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ނަމަަވެސް މައުލޫމާތު ހޯދުމާއި ސަރުކާރު ޖަވާބުދާރީކުރުވުމުގައި ނޫސްވެރިންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. އަދި އެކަށީގެންވާ ހަރުދަނާ ނޫސްވެރިކަމެއް ބިނާ ނެގެހެއްޓުމުގައި މާލީ ގޮތުން ކުރިމަތިވާ ދަތިތަކާއި އުދަގޫތަކުގެ ގޮންޖެހުން ބޮޑެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހައުސިން މިނިސްޓަރުކަމާއި މާލެ ސިޓީގެ މޭޔަރުގެ މަގާމު އަދާކުރެއްވިއިރުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް މަސައްކަތްޕުޅަކީ ތެދު މައުލޫމާތު ނޫސްވެރިންގެ ޒަރީއާއިން ދިވެހިންނާ ހަމައަށް ގެނެސްދެއްވުމެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނޫސްވެރިންނާ ވަރަށް ގާތް ގުޅުމެއް ގާއިމުކުރެއްވިއެވެ. ހުރިހާ މީޑިޔާއަކަށް މައުލޫމާތު ދެއްވައި ވަގުތު ހުސްކޮށްދެއްވިއެވެ. 

އިންތިހާބީ ރައީސްގެ ހައިސިއްޔަަތުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ. ނޫސްވެރިންގެ ގުންޒަރުގެ ނަމުގައި ބޭއްވެވި އެ ބައްދަލުވުމުގައި އެއިރުގެ ސަރުކާރާމެދު ނޫސްވެރިންގެ މެދުގައި އޮތް ޝަކުވާތައް އަޑުއެއްސެވިއެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ރަނގަޅުކުރައްވަންޖެހިވަޑައިގަންނަވާ ކަންކަން އޮޅުންފިލުއްވިއެވެ. އަދި ނޫސްވެރިކަމަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި، އެ ފަންނު ކުރިއެރުވުމަށާއި ތަރައްގީކުރުމަށް ހުރި ހުރަސްތަކާއި، މިނިވަންކަމާއެކު އިންސާަފުވެރި ގޮތުގައި ނޫސްވެރިކަން ކުރުމަށް ކުރިމަތިވެފައި ހުރި ދަތިތައް އަޑުއެއްސެވިއެވެ. 

ވެރިކަމަށް ވަޑައިގަތުމާއެކު ނޫސްވެރިންނަށް ޖަވާބުދާރީވުމުގެ ސަގާފަތެއް ސަރުކާރުގައި އަށަގެންނެވިއެވެ. އެގޮތުން ވަޒީރުން އިންތިޒާމީ ގޮތެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަން ފެއްޓެވިއެވެ. ރައީސްވެސް އެމަނިކުފާނަށް ވަގުތު ލިބިވަޑައިގަތް މިންވަރަކުން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދެވިއެވެ. އަދި އެކި މަންސަތަކުގެ ޒަރީއާއިން މައުލޫމާތު ހާމަކުރެއްވުމުގެ މަސައްކަތްކުރެއްވިއެވެ. 

2025 ވަނަ އަހަރުގައި ސީދާ ވަޒީރުން މީޑިޔާތަކަށް ޖަވާބުދާރީވެވަޑައިގެން މައުލޫމާތު ދެއްވުމށް 424 ފަހަރު ވަޑައިގެން ބަސްދީގަތުން ދެއްވިއެވެ. 493 ފަހަރު ވުޒާރާތަކުގެ ވެރިންވަނީ މީޑިޔާގެ އެކި މަންސަތަކުގެ ޒަރީއާއިން ރައްޔިތުންނާ މައުލޫމާތު ހިއްސާކުރައްވާފައެވެ. 

މި އަހަރުގެ މާރިޗު މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު، ރާއްޖޭގައި އެމަނިކުފާނު ހުންނެވިނަމަ އަދި މުހިއްމު ބޮޑު ކަމެއް ކުރިމަތިނުވާނަމަ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް އެއް ގަޑިއިރުގެ ވަގުތެއް ރައީސް ގެންދަވަނީ ހުސްކޮށްދެއްވަމުންނެވެ. އަދި ހުރިހާ ވަޒީރުންވެސް ހަފުތާއަކު އެއް ދުވަހު ގަޑިއިރެއްހައި ވަގުތު ނޫސްވެރިންނަށް ޖަވާބުދާރީވެވަޑައިގަތުމުގައި ހޭދަކުރައްވައެވެ. 

މައުލޫމާތު ހާމަަކުރެއްވުމާއި ޖަވާބުދާރީވުމުގައި މިއީ ނަމޫނާއެކެވެ. ކުރީގެ ވެރިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ، ނޫސްވެރިން އެބޭފުޅުންނާ ބައްދަލުނުވެގެން ޝަކުވާކުރަން ފެށުމުން ފިއްތުން ބޮޑުވެގެންނެވެ. މިހާރު ރައީސް ގެންދަވަނީ ނިޒާމީ ގޮތެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ދެއްކެވި މިސާލާ އެއްގޮތަށް ވަޒީރުންވެސް ގެންދަވަނީ ޖަވާބުދާރީވެވަޑައިގެން ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގެވުމަށް އެމަނިކުފާނު ކަނޑައެޅުއްވި އަމާޒު ހާސިލުކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. 

ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމުގައި ދެއްކެވި ނަމޫނާގެ އިތުރަށް، ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން ރައީސް ނިންމެވި އެންމެ މުހިއްމު ނިންމެވުމަކީ މީޑިޔާއަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތަ ހާއްސަކުރެއްވުމެވެ. 

އެމަނިކުފާނުގެ އެ ނިންމެވުމާ އެއްގޮތަށް މީޑިޔާ ރެގިއުލޭޓުކުރުމަށް ގާނޫނުން އުފައްދާފައިވާ ކޮމިޝަނުން އެކުލަވައިލި ސިޔާސަތުތަކާއި ގަވާއިދުތަކުގެ ދަށުން 41 މީޑިޔާއަށް ނިމުނު އަހަރު 28 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޫކުރިއެވެ. މިއަހަރަށް ފާސްކުރި ދައުލަތުގެ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ މީޑިޔާއަށް ދޫކުރުމަށް ހާއްސަކުރައްވާފައވެއެވެ. 

މީޑިޔާއަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެއްވުމުގެ އިތުރަށް މީޑިޔާ ހިންގުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ މީޑިޔާގެ އިދާރާތައް ހިންގާނެ ޖާގަަ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދެއްވުމުގެ ގޮތުން މީޑިޔާ ވިލެޖެއް ގާއިމުކުރެއްވުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަަ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މީޑިޔާ ވިލެޖުގެ މަސައްކަަތް މި އަހަރުގެ މެދު ތެރޭގައި ނިމޭނެކަން ރައީސްވަނީ އިއުލާނުކުރައްވާފައެވެ. 

މި ދައުރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މީޑިޔާއަށް އެންމެ ފުރުސަތު ފަހި ދައުރަށްވާނެއެވެ. ސަރުކާރުން މީޑިޔާއަށް މައުލޫމާތު ހާމަކުރުމާއި ޖަވާބުދާރީވުމުގެ މިންގަނޑެއް ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތުގައި ގާއިމުކުރެއްވިކަމާމެދު ދެބަސްވާނެ ޖާގައެއް ނެތެވެ. މާލީ މިނިވަންކަން ކަށަވަރުކޮށްދެއްވައި ދެމެހެއްޓެނެވި ގޮތަކަށް މީޑިޔާ ހިންގޭނެ ފުރުސަތު ފަހިކޮށްދެއްވިކަން ފެންނާން އެބައޮތެވެ. 

ކިޔުންތެރިންގެ ހިޔާލު