ENGLISH
10 އޭޕްރީލު 2025
ޣައްޒާގައިދޭ ޙަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ: ޙަމާސް
18 ޑިސެމްބަރު 2024
|
ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމަށް އަމާޒުކޮށްގެން އިއްޔެ ޤަތަރުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ "ސީރިއަސް އަދި ޕޮޒިޓިވް" މަޝްވަރާތަކެއް ކަމަށް، ޙަމާސް އިން ބުނެފިއެވެ.
ޙަމާސް އިން ބުނީ، އިޒްރޭލުގެ އިސްތިޢުމާރީ ދައުލަތުން އިތުރު ޝަރުތުތަކެއް ކުރިމަތިނުކޮށްފިނަމަ، ޤަތަރާއި މިޞްރުގެ މެދުވެރިން ފަހަތުގައި އޮވެގެން، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
އެ މަޝްވަރާތަކަށް އިޒްރޭލުގެ އިސް ވަފްދެއް އިއްޔެ ވަނީ ޤަތަރަށް ގޮސްފައެވެ.
އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެއެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެއް ހަފްތާއަށް ޙަމަލާތައް ހުއްޓާލައި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ރަހީނުންތަކެއް މިނިވަންކުރުން ފިޔަވައި، 14 މަހަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް ދާއިމީ ޙައްލެއް ހޯދިފައެއް ނުވެއެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ޙަމަލާތައް ހުއްޓައިލި ފަހުން، ދާއިމީ އެއްބަސްވުމަކާ މިހާ ގާތަށް މަޝްވަރާތައް ގޮސްފައިނުވާ ކަމަށް އިޒްރޭލުގެ ދިފާއީ ވަޒީރު ވަނީ އެއްބަސްވެފައެވެ.
ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.