ENGLISH

10 އޭޕްރީލު 2025

Advertisement

ވަނުއާޓޫ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 14 އަށް

18 ޑިސެމްބަރު 2024

|

ހަސަން އާމިރު

ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ، ވަނުއާޓޫއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި، މިހާތަނަށް 14 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، 7.3 މެގްނިޓިޓިޔުޑްގެ ބާރުމިނުގައި ބިންހެލުން އައީ ވަނުއާޓޫގެ ވެރިރަށް ޕޯޓް ވިލާގެ 37 ކިލޯމީޓަރު ދުރަށް ކަމަށެވެ.

އެ ބިންހެލުމުގައި އިމާރާތްތަކުގެ އިތުރުން، ބައެއް ބްރިޖުތައް ވެއްޓި، ގިނަ މަގުތަކުގެ ބިންގަނޑު ވެސް ވެސް ކަނޑައިގެން ގޮސްފައެވެ.

ވަނުއާޓޫގެ ސަރުކާރުން ބުނީ، ޕޯޓް ވިލާގެ މައި ހޮސްޕިޓަލުގައި ހަތަރު މީހަކު، ބިންގަނޑު ކަނޑައިގެން ގޮސްގެން ހަ މީހަކު، އަދި ވެއްޓުނު އިމާރާތެއްގެ ދަށުވެ އިތުރު ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

މަރުވި މީހުންގެ އިތުރުން، މި ހާދިސާގައި ޒަޚަމްވި 200 އަށް ވުރެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ބިންހެލުން އައި ވަގުތު، ޖުމްލަ 10 އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އޭގެތެރޭގައި މައި ހޮސްޕިޓަލާއި، ދެ ބްރިޖަކާއި އަދި ބޭރުގެ ގިނަ އެމްބަސީތަކެއް ހިންގާ އިމާރާތް ވެސް ހިމެނެއެވެ.

މީގެއިތުރުން، ފެން ރައްކާކުރަން ބޭނުންކުރާ އެންމެ ބޮޑު ދެ ނިޒާމަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

މި ހާދިސާ އާ ގުޅިގެން މޯބައިލް އާއި އިންޓަނެޓު ފަދަ މުއާސަލާތީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރައިފައެވެ.

ޕޯޓް ވިލާގެ މައި އެއާޕޯޓު ވެސް ޢާންމު ދަތުރުފަތުރުގެ ޚިދުމަތް މެދުކަނޑާލާފައިވީ ނަމަވެސް، އެހީ ހިފައިގެން އަންނަ މަތިންދާބޯޓުތައް ޖެއްސޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 320،000 މީހުންގެ އާބާދީއެއް އޮންނަ ވަނުއާޓޫއަކީ ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުގެ އެންމެ ބޮޑު އެއް ޤައުމުކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު