ENGLISH
28 އޭޕްރީލު 2026
މިނިވަންކަމާއެކު ފަންނީ މަސައްކަތްކުރާ ނޫސްވެރިން ބަސް އިއްވަންވީ ވަގުތަކީ މިއީ: ހަމްދާން
28 އޭޕްރީލު 2026
|
ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް
އެންމެ މަޤްބޫލު
މިދަނޑިވަޅަކީ މިނިވަންކަމާއެކު ފަންނީ މަސައްކަތްކުރާ ނޫސްވެރިން ބަސް އިއްވަންވީ ވަގުތުކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުން މިދިޔަ މާޗު މަހު އާއްމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ މި ދަނޑިވަޅުގައި ހަމްދާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިމިޤްރާޠީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސްކަމަށެވެ. ނަމަވެސް، ޒިންމާދާރު ނޫސްވެރިން އަހަރުތަކެއް ވަންދެން ކުރި އިޚުލާޞްތެރި މަސައްކަތުގެ އަގު، ސިޔާސީ މަޤްޞަދުތަކުގައި ހިންގާ އެކި ވަސީލަތްތަކުގެ ސަބަބުން މިއަދު ދަނީ ވެއްޔާ މޮޑެވި، އޭގެ އިތުބާރު ގެއްލެމުންކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން، މި ދާއިރާގައި މިނިވަންކަމާއެކު ފަންނީ މަސައްކަތްކުރާ ނޫސްވެރިން، އެބައިމީހުންގެ ދައުރު އަދާކޮށް ބަސް އިއްވަންވީ ވަގުތު މިއޮތީ ޖެހިފަ އެވެ. ހަނދާން ބަހައްޓަންޖެހޭ ކަމަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފޭނީ، މާތްﷲ އިންސާނުންނަށް ދެއްވާފައިވާ އަސާސީ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ނެވެ،". ޝަކީލް ވިދާޅުވި އެވެ.
ނޫސްވެރިކަމަކީ މީހުންނަށް ފުރައްސާރަކޮށް، އެއްވެސް ޙަޤީޤަތެއް ނެތް ތުހުމަތުތައް އަޅުވައި، މީހުންގެ އަބުރާ ކުޅެން ދީފައިވާ ހުއްދައެއް ނޫންކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.
އަދުގެ ސަރުކާރަކީ ނޫސްވެރިންނަށް ފުރުޞަތު ފަހިކޮށްދެއްވާ ސަރުކާރެއް ކަމަށާ، ނޫސްވެރިކަމުގެ މިނިވަންކަން މި ރާއްޖޭގައި އޮތީ "ތަންމިނަށް" ހުޅުވާލެވިފައި ކަމަށާ، ނަމަވެސް، އެއްވެސް މީހެއްގެ ޢަބުރު ކަތިލުމުގެ ފުރުޞަތެއް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ފުރުޞަތު ދެވެން ނޯންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާ، އެއީ އިލާހީ ޤާނޫނު ކަމަށާ، އެ ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ އެމަނިކުފާނަށް އޮތް ފުރުޞަތެއް ނޫންކަމަށާ، ނަމަވެސް، އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެކަމަށާ، މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.