ENGLISH
28 އޭޕްރީލު 2026
އަޒާނުގެ ރައްދު؛ "ދިޔަރެސް"އިން ކުރި ނޫސްވެރިކަމާއި މިހާރު ހިނގައިގެން އުޅޭކަން ވަރަށް ތަފާތު
28 އޭޕްރީލު 2026
|
އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ޤަޛުފުގެ ތުހުމަތުކޮށް ވީޑިޔޯ ޑޮކިއުމެންޓްރީއެއް "އަދަދު" ނޫހުން ހެދުމާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާމެދު ޤަޛުފުގެ ތުހުމަތުކުރެއްވުމުން އެކަމާމެދު ފިޔަވަޅު ނާޅުއްވަނީ ކީއްވެތޯ ރައީސް ޞާލިޙު އަރިހުން ސުވާލުކުރެއްވުމަކީ ތަފާތު ދެ ކަމެއް ކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އަޒާން މަރުޒޫގު "ދައުރު" ނޫހުގައި ޝާއިއުކުރި ލިޔުމަކަށްް ރައްދުދެއްވައިފިއެވެ.
މިފަދައިން އަޒާން ރައްދުދެއްވީ ރައީސް ޞާލިޙަށް އޭނާ ޒިނޭގެ ތުހުމަތުކުރެއްވިކަމަށް ދޭހަވާ ގޮތަށް ދައުރު ނޫހުގައި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފު ލިޔުއްވި ލިޔުއްވުމަކާ ގުޅިގެން މިއަދު އެކްސްގައި ޝާއިއުކުރެއްވި ހަބަރެއްގައެވެ. އެ ލިޔުމާ ގުޅިގެން އަޒާން ވިދާޅުވީ މޫސާ ލަތީފުގެ ލިޔުއްވުމުގައި ތުހުމަތުކުރި ފަދަ އެއްވެސް ތުހުމަތެއް އެއްވެސް އިރަކު ރައީސަ ޞާލިޙަށް އަމާޒުކުރައްވާފައިނުވާނެ ކަމަށެވެ. އަދި މޫސާ ލަތީފު އިޝާރާތްކުރައްވާ ދުވަހު އޭނާ ކުރެއްވި ސުވާލުގެ ވީޑިޔޯ މިހާރުވެސްް ރައީސް އޮފީހުގެ ވެބްސައިޓުގައި ފެންނަން ހުންނާނެ ކަމަށެވެ.
އެ ދުވަހު އަޒާން ރައީސް ސޯލިހުގެ އަރިހުން ކުރެއްވި ސުވާލަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާފަދަ ކުށެއް ކުރުމުގެ ތުހުމަތު ރައީސް ނަޝީދު ސޯލިހަށް އަމާޒުކުރެއްވިއިރު އެ މައްސަލަ ނުބައްލަވަނީ ކީއްވެތޯއެވެ. އަޒާނު ވިދާޅުވީ ކުރުކޮށް ބުނާނަމަ އޭނާ އެ ދުވަހު ކުރެއްވި ސުވާލަކީ ނަޝީދު ޤަޛުފުކޮށްފައިވާތީ އެކަން ނުބަލަނީ ކީއްވެތޯއެވެ.
އަދި އިތުރަށް އަޒާނު ވިދާޅުވީ އޭނާވެސް އަދި ދިޔަރެސް ނޫހުންވެސް އަމިއްލައަށް އެއްވެސް ތުހުމަތެއް ރައީސް ޞާލިޙަށް އަމާޒުނުކުރައްވާ ކަމަށެވެ. މޫސާ ލަތީފު އެ ދުވަހު އެ މަޖިލީހުގައި ހުންނެވުމާއެކު، ދިވެހި ބަހުން ކުރެއްވި ސުވާލެއް ފަހުމުނުވުމަކީ ހިތާމަަކުރާ ކަމެއް ކަމަށެވެ.
އިތުރަށް އަޒާނު ވިދާޅުވެދެއްވީ ފާއިތުވި ފަސް އަހަރު "ދިޔަރެސް"އަށް އަދި އަޒާނަށް ކުރިމަތިކުރި އެކި ކަންކަމެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ކޯޓު އަމުރެއް ނެތި ދޮގު ތުހުމަތެއްކޮށް އޭނާ ފުލުހަށް ހާޒިރުކުރިކަަް ފާހަގަކުރެއްވިއެވެ. އޭގެ އިތުރަށް ބޭރު ގައުމެއްގެ އެމްބަސީއަށް ބޮމުގެ ހަމަލާއެއް ދޭނެކަމަށް މީހަކު ޓުވީޓުކުރުމުން އެކަން ކުރީވެސް އަޒާނާއި "ދިޔަރެސް" ނޫހާހުރެ ކަމަށް ބުނެ އެއިރުގެ ސަރުކާރާއި އެމްޑީޕީއިންވެސް ބަޔާން ނެރުނުކަން އަޒާން ހަނދާންކޮށްދެއްވިއެވެ.
އޭގެ އިތުރަށް "ދިޔަރެސް" ނޫހުގެ ހިއްސާދާރަކު ކުރި ޓުވީޓަކާ ގުޅިގެން އޭނާ އެއިރު އަދާކުރަމުން އައި ދައުލަތުގެ ވަޒީފާއިން ވަކިކުރިކަމަށާއި، އެ ނޫހަށް މާލީ ގޮތުން އެހީތެރިވަމުން އައި ކުންފުނިތަކަށް ބިރު ދެއްކުމުގެ އެކި އަމަލުތައްވެސް ހިންގާފައިވާކަމަށް އަޒާނު ވިދާޅުވިއެވެ.
"މިހުރިހާ ކަމެއް ހިނގިއިރު، މޫސާ ލަތީފް ހުރީ ސަރުކާރުން ފައިސާ ނަގައިގެން ސަރުކާރުގެ ނެރޭޓިވް ޕްރޮމޯޓު ކުރަން. ސަރުކާރު ޒިންމާދާރުކުރަން 2018-2023 އަށް ކުރި އެއްވެސް ކަމެއް ނެތް.،" އަޒާނު އިތުރަށް ވިދާޅުވިއެވެ.
އިތުރަށް އަޒާނު ވިދާޅުވީ 30 އަހަރު ނޫސްވެރިކަމުގައި މޫސާ ލަތީފު ހޭދަކުރެއްވިއިރު، އޭނާގެ ނޫސްވެރިކަމުގެ ކެރިއާގެ ބޮޑު ބައެއް ހޭދަކުރެއްވީ ހުދުމުހުތާރު ވެރިކަމެއްގެ މޫނުމަތި އޮމާންކުރެއްވުމުގައި ކަމަށެވެ.