ENGLISH

28 އޭޕްރީލު 2026

Advertisement

ސާބިތުނުހިފޭ ވާހަކައާއެކު އަބުރުކަތިލުން؛ ރިފާޢު ވިދާޅުވީ އަބުރުގެ ޤާނޫނު އަލުން އަންނަންޖެހޭ ކަމަށް

28 އޭޕްރީލު 2026

|

ޢަލީ ޝަހީމް

އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ރިފާއު ވާހަކަދައްކަވަނީ. އަބުރުގެ ޤާނޫނު އަލުން އަންނަންޖެހޭ ކަމަށް ވަނީ ވިދާޅުވެފަ. ފޮޓޯ: އެމްއެމް

ކޮންމެ މީހަކަށްވެސް ސާބިތުނުހިފޭ ވާހަކަ ފަތުރައި، މީހުންގެ އަބުރުކަތިލެވިދާނެ ކަމަށާއި، މި ސަބަބަށްޓަކައި އަބުރުގެ ޤާނޫނު އަލުން އަންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާު (ބޮޗޭ) ވިދާޅުވެއްޖެއެވެ. 

މެންބަރު މިފަދައިން ވިދާޅުވީ، "އަދަދު" ނޫހުން މިދިޔަ މާޗު މަހު އާއްމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މެންބަރު ރިފާއު ވިދާޅުވީ، އަބުރުގެ ޤާނޫނެއް ރާއްޖޭގައި ވުޖޫދުކުރީ ކޮންމެ މީހަކަށްވެސް ސާބިތުނުހިފޭ ވާހަކަ ފަތުރައި، އަބުރުކަތިލެވޭގޮތަށް އޮތުމުން ކަމަށެވެ. 

"ކޮންމެ މީހަކަށްވެސް ސާބިތުނުހިފޭ ވާހަކަ ފަތުރާ މީހުންގެ އަބުރު ކަތިލެވިދާނެ. މި ސަބަބަށްޓަކައި، އަބުރުގެ ޤާނޫނެއް ވުޖޫދުކުރީ. އަލުން މި ޤާނޫނު އަންނަން އެބަ ޖެހޭ. އަޅުގަނޑުމެން ރައީސް ޑރ. މުޢިއްޒު އާއި އާއިލާގެ އަބުރުކަތިލާ އަގުވައްޓާލަން ފޮރުވިގެންތިބެ ބަޔަކު ކުރާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު ރައީސަށް އެބައޮތް. ރައީސް ގައުމަށްޓަކައި ތިކުރައްވާ ބުރަ މަސައްކަތަށް ފަށްފަށުން ދަންނަވަން. ސާބިތުކަމާއެކު ކުރިއަށް ވަޑައިގަންނަވާ." އެކްސްގައި ކުރެއްވި ޕޯސްޓުގައި ރިފާއު ވިދާޅުވެފައިވެއެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ވަނީ 2018 ވަނަ އަހަރު އުވާލާފައެވެ. މިއީ 2016 ވަނަ އަހަރު އަމަލުކުރަން ފެށި ޤާނޫނެކެވެ. 

މެންބަރު ރިފާއު މިފަދައިން ވިދާޅުވިއިރު، ފުލުހުން "އަދަދު" ނޫހާ ދެކޮޅަށް ފަށާފައިވާ ތަޙްޤީގާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެމައްސަލައިގެ ފުރިހަމަ ތަޙްޤީގެއް ކުރުމަށް ގޮވާލަމުންނެވެ. 

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ދޮގު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް، އެއްވެސް އަސާސެއް ނެތި ކުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށާއި އެއީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، އާއިލާއަށާއި، އަދި އެމަނިކުފާނު ފުރުއްވާ ދައުލަތުގެ އެންމެ މަތީ މަޤާމަށް ދެވޭ ސީދާ ހަމަލާއެއް ކަމަށް ވަޒީރު އިޙްސާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު