ENGLISH
28 އޭޕްރީލު 2026
ރައީސާ ދެކޮޅަށް ދޮގު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެ: އިހުސާން
28 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ދޮގު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން މިދިޔަ މާޗު މަހު ގެނައި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވައި ޚަބަރު ފެތުރި މީޑިއާއެއްގެ ހެޑް އޮފީސް ރެއިޑްކޮށް، އެ މައްސަލަ ޖިނާއީ ތަޙުޤީޤެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޙައްޤާއި މަސްއޫލިއްޔަތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެން ވާކަމަށެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެކެވެ. ނަމަވެސް، މިއީ އެއްވެސް އިމެއް ނެތް ޙައްޤުތަކެއް ނޫނެވެ. މި ޙައްޤުތަކާއެކު ޒިންމާތަކެއްވެސް ވެއެވެ. ވަކިން ޚާއްޞަކޮށް، މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ މި މިނިވަންކަމުގެ އިމުން ބޭރު ކަމެކެވެ،". ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަޔާންކޮށްފައިވާ ގޮތް ވެސް ހިމަނުއްވާފަ އެވެ.
27 ވަނަ މާއްދާ (ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން)
އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތިން، ތިމާގެ ނުވަތަ ބައެއްގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
28 ވަނަ މާއްދާ (ނޫސްވެރިކަމުގެ މިނިވަންކަން)
ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފެތުރުމާއި ޝާއިޢުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް، މި ޙައްޤަކީ އެއްވެސް ހެއްކެއް ނެތި މީހުންގެ މައްޗަށް ދޮގު ތުހުމަތުތައް ފެތުރުމަށް އޮތް ފުރުޞަތެއް ނޫނެވެ.
33 ވަނަ މާއްދާ (އަބުރު ރައްކާތެރިކުރުމުގެ ޙައްޤު)
ކޮންމެ މީހެއްގެވެސް އަބުރާއި، ނަމާއި، ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް، އެއްވެސް އަސާސެއް ނެތި ކުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށާއި އެއީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، އާއިލާއަށާއި، އަދި އެމަނިކުފާނު ފުރުއްވާ ދައުލަތުގެ އެންމެ މަތީ މަޤާމަށް ދެވޭ ސީދާ ހަމަލާއެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. މިފަދަ އަސާސެއް ނެތް ދޮގު ވާހަކަތަކުގެ ސަބަބުން ދައުލަތަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢުގެ ތެރޭގައި ފިތުނަ އުފެދި، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބިގެންދާނެކަން ފާހަގަކުރައްވައި ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގައިވެސް، އަބުރަށް އަރައިގަތުމާއި ދޮގު ޚަބަރު ފެތުރުން ފަދަ ކަންކަމުގައި ތުހުމަތު ކުރެވޭ ހާލަތްތަކުގައި، އެކަންކަން ތަޙުޤީޤު ކުރުމުގެ ބާރު ކަމާބެހޭ މުއައްސަސާތަކަށް އޮންނަންވާނެކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގު ކުރިއަށްގެދަނީ ނޫސްވެރިކަމަށް ހަމަލާދިނުމުގެ މަގުސަދުގައި ނޫންކަމަށާއި ފުލުހުންގެ މުއައްސަސާއިން އެ ދަމަހައްޓަނީ ޤާނޫނުއަސާސީކަމަށް ވިދާޅުވި އެވެ.
"އެއީ ރައްޔިތެއްގެ (މި ހާލަތުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ) އަބުރު ރައްކާތެރިކުރުމުގެ އަސާސީ ޙައްޤު ކަށަވަރުކޮށްދިނުމަށާއި، މީޑިއާގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރާ އެއްޗެއްކަން ކަށަވަރުކުރުމަށެވެ،". ވަޒީރު ވިދާޅުވި އެވެ.
ޙަޤީޤީ ނޫސްވެރިކަމުގެ މިނިވަންކަން ދެމިއޮންނާނީ ޖަވާބުދާރީވުމުގެ ސިފަވެސް އެއާއެކު އޮވެގެންކަމަށާއި އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައި ނުހުރެވޭނެކަމަށް އިހުސާން ވިދާޅުވި އެވެ
"ދިވެހި ރައްޔިތުން ބޭނުންވަނީ ކަންކަމުގެ ޙަޤީޤަތް ހާމަކޮށްދޭ މީޑިއާއެކެވެ. މީހުންގެ އަބުރު ކުނިކޮށް، ދޮގު މަޢުލޫމާތު ފަތުރާ މީޑިއާއެއް ނޫނެވެ،".ވަޒީރު ވިދާޅުވި އެވެ.
ޒިންމާދާރު ނޫސްވެރިކަމާއެކު މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤުވެސް ދިފާޢުކުރަންޖެހޭކަމަށާއި، އިންޞާފުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި މި ދެ އަސާސް އެކުއެކީގައި ދެމިއޮންނަންޖެހޭކަމަށް އިހުސާން ވިދާޅުވި އެވެ.
އިއްޔެ ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ނޫހުން ނެރުނު ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް ހަމަ އެ ނޫހުން އެމަނިކުފާނާ ގުޅުވައި ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ވިދާޅުވެ މިފަހަރުގެ އަމަލުގެ ސަބަބުން ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.