ENGLISH

28 އޭޕްރީލު 2026

Advertisement

ޤަޛުފުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޖިނާއީ ކުށެއް؛ ފުލުހުން ހިންގަނީ އެކުށުގެ ތަހުގީގެއް

28 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ، ފޮޓޯ: މިރާ

ޤަޛްފުކުރުމުގެ ކުށަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޙުދޫދުގެ ކުށްތަކުގެ ތެރެއިން ކުށެކެވެ. އެއީ ކީރިތި ޤުރުއާނުގެ ނައްސުން ހަރާމްކުރައްްވަައި އެކަމުގެ އަދަބު ކަނޑައަޅުއްވާފައިވާ ކުށެކެވެ. އެއީ ކުށެއްކަމާމެދު އަދި އެއީ ޙައްދުގެ އަދަބު ކަނޑައެޅިފައިވާ ކުށެއްކަމާމެދު އިސްލާމީ އުންމަތުގެ އިލްމުވެރިންގެ މެދުގައި ހިލާފެއް ނެތެވެ. 

އިސްލާމީ ޝަރީޢަތުގައި ޤަޛްފުގެ ޙުކުމް ކަނޑައަޅުއްވާފައިވާ ގޮތް ބަޔާންކޮށްދެއްވައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛާ ޙައްވާ ލަޠީފު ފޭސްބުކުގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ، ޤަޛްފުކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަމާއި، އެއީ ޙަރާމް ކަމެއް ކަމުގައި އިސްލާމީ އުންމަތުގެ އެންމެހައި އިލްމުވެރިން އެއްބަސްވެވަޑައިގެންފައިވާ ކަމަަށެވެ. 

ޝަރުއީ ނައްސުތަކަށް ބަލާއިރު ކީރިތި ޤުރުއާނުގެ ސަރީހަ ނައްސުން ޤަޛްފުކުރުމުގެ ނުބައިކަމާއި އެކަމުގެ އަދަބު ބަޔާންކުރައްވާފައިވެއެވެ. ހަލާކުކުރުވަނިވި ބޮޑު ހަތް ފާފައިގެ ވާހަކަ ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ ބަޔާންކުރައްވަމުން ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާ ދެއްވި އިރުޝާދުފުޅުގައި ބޮޑު ހަތް ފާފައިގެ ތެރޭގައި ޤަޛުފުކުރުން ހިމެނުއްވިއެވެ. 

ޤަޛްފުކުރުމުގެ މުރާދަކީ ހެކި ނެތި މީހެއްގެ ބޮލުގައި ޒިނޭގެ ނުބައި އަމަލުގެ ތުހުމަތު އެޅުވުމެވެ. ޒިނާގެ ތުހުމަތު މީހަކާމެދު ކުރަނީނަމަަ އެ ތުހުމަތަށް ބާރުދިނުމަށް ހަތަރު ހެކިން ބޭނުންވާނެއެވެ. އެއީ ޒިނޭގެ އަމަލު ހިނގި ވަގުތު އެކަން ހިނގި ގޮތް ފެނުނު ހަތަރު ހެކިންނެވެ. 

މީހެއްގެ އަބުރާ ބެހި އޭނާގެ ބޮލުގައި ޒިނާގެ ތުހުމަތު އަޅުވައިފިނަމަ އެކަމުގައި ޝަރުއީ ގޮތުން އެމީހެއްގެ މައްޗަށް ތިން އުގޫބާތެއް ކަނޑައެޅިފައިވާކަން އަލްއުސްތާޛާ ޙައްވާ ލަތީފު ބަޔާންކުރެއްވިއެވެ. އެއީ ޖިސްްމާނީ އަދަބެއްގެ ގޮތުން 80 އެތިފަހަރުން ޖަލްދުކުރުން ނުވަތަ ޖެހުމާއި، މައުނަވީ އަދަބެއްގެ ގޮތުން އޭނާގެ ހެކިބަސް ބަލައިނުގަތުމާއި، ދީނީ އަދި އިޖުތިމާއީ އަދަބެއްގެ ގޮތުން އޭނާއަކީ ފާސިގެއް ކަމުގައި ކަނޑައެޅުމެވެ. 

އިސްލާމީ ޝަރީއަތުގައި ޤަޛުފަކީ ހައްދު ކަނޑައެޅިފައިވާ އަދަބަކަށްވާއިރު، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބަލާއިރު ޤަޛުފަކީ ސާފުކޮށް ތަޖުރީމުކޮށް ކުށެއް ކަމުގައި ކަނޑައަޅައި ގާނޫނުން އުގޫބާތުތައް ކަނޑައަޅާފަައިވާ ކުށެކެވެ. އެއީ މިހާރު އަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 612 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބުނެަނީ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުންދާ ކަމަށް ދޮގު ތުހުމަތުކުރުމަކީ ކުށެއް ކަމަށެވެ. އަދި އެއީ ޖިނާޔާތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބަޔާންކޮށްފައިވެއެވެ. 

އެ މާއްދާގެ ދަށުން ޝަރީއަތުގައި ކަނޑައަޅާފައިވާ 80 އެތިފަހަރުން ޖަލްދުކުރުމުގެ އަދަބު އެ ކުށްކުރިކަން ސާބިތުވެއްޖެނަމަ ކަނޑައެޅިދާނެއެވެ. އެއީ އިސްލާމީ ޝަރީއަތުން އެކުށަށް ކަނޑައެޅިފައިވާ ކުށެވެ. އޭގެ އިތުރަށް ގާނޫނުލް އުގޫބާތުގައި ޖިނާޔާތުގެ 4 ވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުވެސް މިކުށް ސާބިތުވެއްޖެނަމަ އެކަމުގައި ތަންފީޒުކުރެވޭނެއެވެ. 

ޖިނާޔާތުގެ 4 ވަަނަ ދަރަޖައިގެ ކުށްތަކުގެ އެންމެ ކުޑ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ކަނޑައެޅޭނީ ހަތަރު އަހަރު ދުވަހަށް ޖަލަށްލުމެވެ. 

މިހާރު ފުލުހުން ހިންގަމުންދާ ތަހުގީގަކީ ގާނޫނުލް އުގޫބާތުގެ 612 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށް މީޑިޔާ މަންސައެއްގެ ޒަރީއާއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާމެދު ހިންގުމުގެ ކުށުގެ ތުހުމަތެވެ. ކާކުކަން ނޭނގޭ ގޮތަށް މީހަކު އަރުވައިގެން ރައީސްގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތާ ގުޅިގެން ޤަޛުފުގެ ކުށުގެ ތުހުމަތުގައި ހިންގަންޖެހޭ ތަހުގީގު ފުލުހުންގެ އިދާރާއިން ހިންގަަނީއެވެ. 

އެއީ، މިނިވަން ނޫސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން، އެ އުސޫލުތަކާ ހަމަތަކުގެ ތެރެއިން ހިންގި އަމަލަކާ ގުޅިގެން ހިންގާ ތަހުގީގެއް ނޫނެވެ. އެއީ އިސްލާމީ ޝަރީއަތުގައި ސާފުކޮށް ބަޔާންވެފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ތަޖުރީމުކޮށް ކުށެއްކަމުގައި ކަނޑައަޅާފައިވާ ކުށެއް ކުރުމުގެ ތުހުމަތުގައި އަދި އެކަމަށް މަގުފަހިކޮށްދިނުމުގެ ތުހުމަތުގައި ހިންގާ ޖިނާއީ ތަހުގީގެކެވެ.

މި މައްސަލައަކީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ގުޅުންހުރި މައްސަލައެއް ނޫނެވެ. މިއީ ގާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ އަބުރާއި ނަން ރައްކާތެރިވެގެންވުމުގެ ހައްގާ ގުޅުންހުރި މައްސަލައެކެވެ. މިއީ އެންމެހައި ދިވެހިންގެ މައްޗަށް އެއް ހަމައަކުން ތަތުބީގުކޮށް ތަންފީޒުކުރަންޖެހޭ ޤާނޫނުލްޢުޤޫބާތުގައި ސާފުކޮށްް ބަޔާންކޮށްފައިވާ ކުށެއް އިންތިޒާމީ ގޮތެއްގަައި ހިންގައި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ގޮތަށް ހިންގާފައިވާ އަމަލަކާ ގުޅިގެން ހިންގަމުންދާ ތަހުގީގެކެވެ. 

ކިޔުންތެރިންގެ ހިޔާލު