ENGLISH
27 އޭޕްރީލު 2026
ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: މެންސް އޯޕަން ޗެމްޕިއަންކަން މި ފަހަރު ވެސް އާމިން އަށް
27 އޭޕްރީލު 2026
|
މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމަށްފަހު އާމިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެމްބީބީއޭ
އެންމެ މަޤްބޫލު
މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ބޮޑީބޯޑިންގ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2026" ގެ މެންސް އޯޕަން ޗެމްޕިއަންކަން ޒުވާން ބޮޑީބޯޑަރު، އާމިން އުމަރު މޫސާ ހޯދައިފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ވެސް އާމިން އެވެ.
މި މަހުގެ 27 އިން މެއި 1 ގެ ނިޔަލަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މުބާރާތުގައި ޖުމްލަ ހަތަރު ކެޓެގަރީއަކުން 35 އެތުލީޓުން ވާދަކުރާނެއެވެ.
އޭގެތެރެއިން، މެންސް އޯޕަން ކެޓަގަރީގައި 21 ބައިވެރިން، ޖޫނިއާ މެންސް ބައިގައި އަށެއް އަދި ޑްރޮޕްނީ އިވެންޓްގައި ނުވަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން، ރާއްޖޭގެ ބޮޑީބޯޑިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "ޖޫނިއާ ވުމަންސް" ޑިވިޜަން ތައާރަފްކޮށް، މި އަހަރުގެ މުބާރާތުގައި އެ ކެޓަގަރީން 10 އެތުލީޓުން ވާދަކުރެއެވެ.
މިއަދު ކުރިއަށްދިޔަ މެންސް އޯޕަންގެ ފައިނަލް ހީޓުގައި އާމިން ވަނީ، އަސްވާން މުޙައްމަދު ގެ މައްޗަށް 3.51 ގެ ސްކޯއަކުން ކުރިހޯދާފައެވެ. މުބާރާތުގެ ފައިނަލް ހީޓުން އާމިން ކާމިޔާބު ހޯދީ 13.34 ގެ ސްކޯއެއް ކޮށްގެންނެވެ. އަސްވާން އަށް ސްކޯ ކުރެވުނީ 9.83 އެވެ.
ފައިނަލް ހީޓުގައި އާމިން ހަތަރު ރާޅުގައި އެޅިއިރު، އޭގެތެރެއިން އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ހަތަރުވަނަ ރާޅުގައެވެ. ދެވަނަ ރާޅުގައި 6.17 ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި ވަނީ 7.17 ގެ ސްކޯއެއް ކޮށްފައެވެ.
މި އިވެންޓުގެ ފައިނަލް ހީޓުގައި ބަލިވި އަސްވާން ހަތް ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ އެއްވަނަ އަދި ފަސްވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި 4.50 ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި ވަނީ 5.33 ގެ ސްކޯއެއް ކޮށްފައެވެ.
މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ކަމަށްވާ، އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އަށް ނާކާމިޔާބުވީ ސެމީ ފައިނަލުގެ ދެވަނަ ހީޓުގައި އަސްވާން އަތުން ބަލިވުމުންނެވެ. މި ހީޓުން އަސްވާން ކުރިހޯދީ ވަރަށް ހަނި ނަތީޖާއަކުންނެވެ. އެއީ، 0.9 ގެ ސްކޯއަކުންނެވެ.