ENGLISH
28 އޭޕްރީލު 2026
އަހަރުގެ މިހާތަނަށް އާސަންދަ މެދުވެރިކޮށް 10،954 މީހުން ނަފްސާނީ ފަރުވާ ހޯދައިފި
27 އޭޕްރީލު 2026
|
އައިޖީއެމްއެޗް. ފޮޓޯ؛ މުޅީ ރާއްޖެ
އެންމެ މަޤްބޫލު
މިއަހަރުގެ އޭޕްރިލް މަހާއި ހަމައަށް އާސަންދަ މެދުވެރިކޮށް 10،954 މީހުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.
ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މި އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާއިރު ވޭތުވެދިޔަ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އާސަންދައިގެ ދަށުން 10،954 މީހަކު ނަފްސާނީ އެހީ ހޯދާފައިވާކަމަށާއި އޭގެ ތެރެއިން 8،125 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.
"1 ޖެނުއަރީ އިން އޭޕްރީލް 23 އާއި ހަމައަށް 10،954 މީހުންނަށް މެންޓަލް ހެލްތް ދާއިރާއިން ސައިކެޓްރިސްޓް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައި އެބަވޭ. އޭގެ އިތުރުން ވެސް އަތޮޅު ތެރޭގައި ވެސް މިކަމާއި ގުޅޭ ހިދުމަތް ދެވިފައިވޭ." ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ހުރިހާ ފަރުވާއަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ތައާރަފު ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ނަފްސާނީ ކަންކަމަށް ފަރުވާ ހޯދުން ގިނަވެފައިވާއިރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ނިޒާމުގެ ހަރަދުބޮޑުވުމާއި ކުރަން ޖެހޭ ފަރުވާގެ ކަންކަމަށް އާސަންދައިގެ ހިދުމަތެއް ނުލިބުމެވެ.
އެހެންކަމުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އާސަންދަ މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެކަން އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ނަފުސާނީ ބަލިތަކަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމު އާސަންދައިން ލިބޭ ގޮތަށް މިދިޔަ ޑިސެމްބަރު 31 އިން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ.
އާސަންދަ މެދުވެރިކޮށް އައިޖީއެމްއެޗްގެ އިތުރުން ހަތް ކްލިނިކަކުން ވެސް މި ހިދުމަތް ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އީވް ކްލިނިކްއާއި، ވީ-ކެއަރ ކައުންސިލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ، މެޑްނޯވާ މެޑިކަލް ސެންޓަރ، އެލީޓް މެޑިކަލް ސެންޓަރ، ސެނަހިޔާ، ކުލުނު މެޑިކަލް ކްލިނިކް، އަދި ސައިމާ ކެއަރ ހިމެނެއެވެ.