ENGLISH
26 އޭޕްރީލު 2026
ކުރިއަށް އޮތް ތަނުގައި ބީޗް ހޭންޑްބޯޅައިގައި ރާއްޖެ އަށް މެޑަލް ހޯދޭނެ: ކޯޗު އިސްލާމްޔާރު
26 އޭޕްރީލު 2026
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ހޭންޑްބޯޅަ ޓީމު، ވަޒީރު ރާފިޢު އާއެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުމުން، ކުރިއަށް އޮތް ތަނުގައި މުބާރާތުގައި މެޑަލް ހޯދޭނެ ކަމުގެ އުއްމީދު ލިބިއްޖެ ކަމަށް ކޯޗު، ޒަބީއުﷲ އިސްލާމްޔާރު ބުނެފިއެވެ.
ބީޗް ގޭމްސްގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމުން ވަނީ ޖުމްލަކޮށް ހުރިހާ މެޗެއްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ރާއްޖޭން ވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށްފައެވެ. އޭގެފަހުން، މޮންގޯލިއާ އަތުން ވެސް ރާއްޖެ ވަނީ މޮޅުވެފައެވެ. މީގެއިތުރުން، އޭޝިއާ އާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމުތަކާ ދެކޮޅަށް ވެސް ވަނީ އުުއްމީދީ ކުޅުމެއް ދައްކާފައެވެ.
ރާއްޖޭގެ ކޯޗު އިސްލާމްޔާރު ވަނީ، މިއަދު ކުޅުނު މެޗުގައި ޕާކިސްތާނާ ދެކޮޅަށް ޓީމުން ދެއްކި ކުޅުން ފާހަގަކޮށްފައެވެ. އެންމެ ފަހުގެ ކޮމަންވެލްތު ހޭންޑްބޯޅަ ގޭމްސް އާއި ދެކުނު އޭޝިއާގެ ޗެމްޕިއަން، ޕާކިސްތާނާ ދެކޮޅަށް ކުޅެ، ސީދާ ދެ ސެޓުން ރާއްޖެ ބަލިވި ނަމަވެސް، ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެ މެޗުގެ ސެޓުތައް ޕާކިސްތާން ގެންދިޔައީ 20-12 އާއި 18-12 އިންނެވެ.
މެޗަށްފަހު ކޯޗު އިސްލާމްޔާރު ބުނީ، ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީ ހީކުރި ވަރަށްވުރެވެސް ރަނގަޅު ކުޅުމެއް ކަމަށާއި، ޕާކިސްތާން ފެންވަރުގެ ޓީމުތަކާ ދެކޮޅަށް ދައްކާ ކުޅުމަށް ބަލާއިރު، ދެތިން އަހަރު ތެރޭގައި މިކަހަލަ ގޭމްސްއަކުން މެޑަލް ހޯދޭނެކަމުގެ ބޮޑު އުންމީދު އެބައޮތް ކަމަށެވެ.
މިއަހަރުގެ ގޭމްސްގައި ރާއްޖޭން ދެއްކި ފެންވަރަށް ބަލާއިރު ބީޗް ހޭންޑްބޯޅަ ކުރިއަރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ކޯޗު ބުންޏެވެ.
މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅަ އާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.