ENGLISH
26 އޭޕްރީލު 2026
އޭޝިއަން ބީޗް ގޭމްސް: އެތުލެޓިކްސްގެ ޝަޓަލް ރިލޭ އިވެންޓުގައި ރާއްޖޭގެ އަންހެން އެތުލީޓުންނަށް ރަނގަޅު ޓައިމިންއެއް
26 އޭޕްރީލު 2026
|
އޭޝިއަން ބީޗް ގޭމްސްގެ އެތުލެޓިކްސްގެ ޝަޓަލް ރިލޭ އިވެންޓްގައި ރާއްޖޭގެ އަންހެން އެތުލީޓަކު ދުވަނީ. --ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އަންހެނުންގެ ބީޗް އެތުލެޓިކްސް ހަތަރެއް ގުނަ 60 މީޓަރު ޝަޓަލް ރިލޭ އިވެންޓުގައި ވާދަކުރާ ދިވެހި ރިލޭ ޓީމުން ރަނގަޅު ޓައިމިންއެއްގައި ރޭސް ނިންމައިފިއެވެ.
މި އިވެންޓްގައި ވާދަކުރި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، ޝުއާ އަހުމަދު ރިޝްފާން އަދި ހައްވާ މުޒުނާ ފާއިޒްގެ އިތުރުން އަހްނާ ނިޒާރު އެވެ.
މިއަދުގެ ރިލޭ އިވެންޓަކީ މިފަހަރުގެ ބީޗް ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނަށް އޮތް އެންމެ ފަހު އިވެންޓެވެ. ރާއްޖޭގެ ރިލޭ ޓީމުން ވާދަކޮށްފައިވަނީ އެ އިވެންޓްގެ ފައިނަލް ހީޓް އޭގައެވެ.
ރާއްޖޭގެ ޝަބާއާއި އަހްނާ އަދި މުޒްނާގެ އިތުރުން ޝުއާ ހިމެނުނު ޓީމުން ހީޓް ނިންމާލީ ތިން ވަނައިގައެވެ. އެއީ ހަތަރު ގައުމަކުން ވާދަކުރި ހީޓްގައެވެ. ޓައިމިން އަކީ 33.49 ސިކުންތެވެ.
އިވެންޓަށް ފަހު ކޯޗު، ހުސައިން އިނާޝް ބުނީ ތައްޔާރީތަކާ ބަލާފައި ރާއްޖޭގެ އެތުލީޓުން ދުވީ ވަރަށް ރަނގަޅަށް ކަމަށާއި، މިކަހަލަ އިވެންޓެއްގެ ރިލޭއެއްގައި ދުވެލަން ލިބުމަކީ މުހިއްމު ފުރުސަތެއް ކަމަށެވެ. އަދި ޒުވާން އެތުލީޓުންނަށް ލިބޭ ތަޖުރިބާގެ ބޭނުން އަބަދުވެސް ހިފޭނެކަން ފާހަގަކުރިއެވެ.
މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅަ އާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.