ENGLISH

10 އޭޕްރީލު 2025

Advertisement

ވަނުއާޓޫއަށް ބާރުގަދަ ބިންހެލުމެއް؛ އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް

17 ޑިސެމްބަރު 2024

|

ހަސަން އާމިރު

ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ، ވަނުއާޓޫއަށް އައި ބާރުގަދަ ބިންހެލުމެއްގައި އިމާރާތްތައް ވެއްޓި، އެތައް ބަޔަކު މަރުވެފައިވާ ކަމަށް މަންޒަރުދުށް މީހުންނާ ޙަވާލާދީ ބައެއް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، 7.3 މެގްނިޓިޓިޔުޑްގެ ބާރުމިނުގައި ބިންހެލުން އައީ ވަނުއާޓޫގެ ވެރިރަށް ޕޯޓް ވިލާގެ 37 ކިލޯމީޓަރު ދުރަށް ކަމަށެވެ.

އެ ބިންހެލުމުގައި އެމެރިކާ އާއި ފަރަންސޭސިވިލާތް އަދި އިތުރު އެމްބަސީތައް ހުރި އިމާރާތް ވެސް ބިމާ ހަމަވެފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.

އެ ބިންހެލުމުގައި އިމާރާތްތަކުގެ އިތުރުން، ބައެއް ބްރިޖުތައް ވެއްޓި، މަގުތަކުގެ ބިންގަނޑު ވެސް ކަނޑައިގެން ގޮސްފައިވާ ކަމަށްވެއެވެ.

މި ހާދިސާގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުންޏަސް، އެއީ ކިހާ އަދަދެއް ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ނުބުނެއެވެ.

އެ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދިން ނަމަވެސް، އެ އިންޒާރު ފަހުން ވަނީ ބާތިލުކޮށްފައެވެ.

ގާތްގަނޑަކަށް 320،000 މީހުންގެ އާބާދީއެއް އޮންނަ ވަނުއާޓޫއަކީ ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކުގެ ހިރާސް އެންމެ ބޮޑު އެއް ޤައުމުކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު