ENGLISH

24 އޭޕްރީލު 2026

Advertisement

މަރުގެ ހުކުމް ތަންފީޒުކުރާނީ ގާނޫނުގައި އެކަން އޮތީމަ، ތާއީދު ހޯދާކަށް ނޫން: އިހުސާން

24 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނީ ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނު އަސާސީއާއި އިސްލާމީ ޝަރީއަތުގައި އެކަން އެގޮތަށް ބަޔާންވެފައިވާތީ ކަމަށާއި އެއީ ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވައި އެ ބިލު ފާސްވެ ތަސްދީގުކުރެވުމުން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ މި ދަނޑިވަޅުގައި އެ މަސައްކަތް ހުއްޓާލުމަށް ރާއްޖެއާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ 10 ޖަމިއްޔާއަކުން ވަނީ ގޮވާލާފަ އެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރާނީ ގާނޫނު ނަގަހައްޓައި ގާނޫނުގައި ވާ ގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށްކަމަށެވެ. 

"ބޭރުގެ ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުމަށް ސަރުކާރުން މިދިޔަ ދެ އަަހަރުވެސް މި އަންނަނީ ޖަވާބުދާރީ ވަމުން. އަޅުގަނޑުމެންގެ ސްޓޭންޑަކީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރެވިގެން ދިއުން. އެ ގާނޫނުތަކަށް ބަދަލު އަންނަންދެން އެކަން އެގޮތަށް ކުރިއަށްދާނެ،". ވަޒީރު ވިދާޅުވި އެވެ. 

މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް ސަރުކާރަށް ގޮވާލި ޖަމިއްޔާތަކަކީ އެޑްވޮކޭޓްސް ފޯ ހިއުމަން ރައިޓްސް، އެންޓި-ޑެތު ޕެނަލްޓީ އޭޝިއާ ނެޓްވޯކް، ކެޕިޓަލް ޕަނިޝްމަންޓް ޖަސްޓިސް ޕްރޮޖެކްޓް، އީ.ސީ.ޕީ.އެމް: ޓުގެދަރ އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ، އިންޓަނޭޝަނަލް ފެޑަރޭޝަން ފޯ ހިއުމަން ރައިޓްސް، ހާމް ރިޑަކްޝަން އިންޓަނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް، ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އަދި ވޯލްޑް ކޯލިޝަން އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ދައުރުގެ ތެރޭގައި ހުށަހަޅުއްވައި އެ ބިލު ފާސްވެ ތަސްދީގުކުރެވުމުން މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ރާއްޖޭގައި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ތަންފީޒުނުކޮށް ހިފަހެއްޓޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުން ގާނޫނު ފާސްކުރެވުމާއެކު އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުން ނެވެ. 

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކުރީ 1954 ވަނަ އަހަރުގެ ތެރޭގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު