ENGLISH

24 އޭޕްރީލު 2026

Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން: ކޮންގްރެސް ޕާޓީގެ ޕްރައިމަރީ މާދަމާ

24 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ޕީއެންސީގެ ހިނގާލުމެއްގެ ތެރެއިން. ފޮޓޯ؛ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މާދަމާ އޮންނާނެ އެވެ.

ކޮންގްރެސް ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ އިންތިޚާބުގެ ވޯޓްލުން އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ޕްރައިމަރީގައި ކޮންގްރެސްގެ މެންބަރުންނަށް ވޯޓް ލެވޭނީ މި އިންތިޚާބުގައި ވޯޓްލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެ ފަރާތުން ބަހައްޓާ ވޯޓް ފޮށިތަކަށެވެ.

ކޮންގްރެސްގެ ޕްރައިމަރީގައި ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް ކަމަށް އެ ޕާޓީން ބުންޏެވެ. އަދި މާލެއާ އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.

މި ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މި އިންތިޚާބުގެ ހުރިހާ ކަމެއް ރާވާ ހިންގާނީ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށާ އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިންތިޒާމުތަކާއި ޢަމަލުކުރަން ޖެހޭ އުޞޫލުތައް އެ ކޮމެޓީން އާންމު ކުރާނެ ކަމަށްވެސް ބުންޏެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު